ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ ރިފޯމް ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމަށް އދ.ގެ ކުރީގެ ސެކެޓްރީ ޖެނަރަލް ކޯފީ އަނާންއާ ހަވާލު ކުރުމަށް ގޮވާލައި ކެމްޕޭން ކުރަން ފަށައިފި އެވެ.

ފީފާއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައި އުފައްދާފައިވާ ކެމްޕޭން ހަރަކާތް ކަމުގައިވާ 'ނިއު ފީފާ ނައު' ކެމްޕޭންގެ ކޯ ފައުންޑާ ޖެމީ ފުލަރ ސްވިޒަލޭންޑްގެ ޒިޔުރިކްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ފީފާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތެރިވުމަށް ވަޑައިގަތުމަށް އަނާންއަށް ގޮވާލާ ކަމަށެވެ.

އެ ނިއުސް ކޮންފަރެންސްގައި ބައިވެރިވި އިންޓަނޭޝަނަލް ޓްރޭޑް ޔޫނިއަންގެ ބޯޑުގެ އޮފިޝަލެއް ކަމުގައިވާ ޓީމް ނޫނަން ވިދާޅުވީ އެ ވާހަކަ އަނާންއަށް ހުށަހަޅާފައިވާނެ ކަމަށާއި އޭނާ ވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އަޅުގަނޑުމެން އަނާންއާ ވަހަކަ ދައްކައިފިން. އޭނާ ހުންނެވީ ޕްރަޕޯސަލް ހުށަހެޅުމުން އެ އަށް ރިޔާޔަތް ކުރުމަށްފަހު އެއްބަސްވުމަކަށްދާން،" ނޫނަން ވިދާޅުވި އެވެ.

ފީފާއިން ރޭ ވަނީ އެ އިދާރާގެ އެކްސްޓާ އޯޑިނަރީ ކޮންގްރެސް އަންނަ އަހަރު ފެބްރުއަރީ 26ގައި ބޭއްވުމަށް ނިމާފަ އެވެ.