އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމް/އެމްޑީއޭ މަޖިލިސް މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ލަފާ ދެއްވައިފި އެވެ.

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު މިއަދު "ސަން" އަށް ވިދާޅުވީ ގާނޫނު އަސާސީއަށް އެ ބަދަލު ގެންނަން ބޭނުން ވަނީ ކީއްވެގެންކަން ޕާލިމަންޓަރީ ގުރޫޕުގެ މެމްބަރުންނަށް ރައީސް ޔާމީން ވިދާޅުވެ ދެއްވާފައިވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ މިހާރު ވެސް އެ ބައްދަލުވުން މުލިއާގޭގައި ކުރިއަށްދާ ކަމަށާއި އިސްލާހާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން ބަންޑާރަ ނައިބު މުހައްމަދު އަނިލު ވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގާނޫނު އަސާސީ އަށް ހުށަހެޅުއްވިއިސްލާހުގައިބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެއިސްލާހުގައިވެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީއަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބު ކަމަށް ނިހާން ވިދާޅުވަނީ:

  • ރާއްޖެއަށް އިންތިހާ ބިޔަ އިންވެސްޓްމެންޓަތައް ތައާރަފްކުރުން

  • ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމެންޓްތަށް ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމް ކުރުން

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ގާނޫނު އަސާސީ އަށް މިއަދު ހުށަހެޅި އެއިސްލާހުގައިވާ ގޮތުން ޝަރުތުތަކާ އެކު މިލްކުކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވެ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.