21 Jul 2015, 16:23
މަގާމުން ވަކިކޮށްފައިވާ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ވާހަކަފުޅުތަކުގައި ބުރަދަނެއް ނެތް ކަމަށް އެމަނިކުފާން ނިސްބަސްވެ ވަޑައިގަންނަވާ ސަރުކާރު ހިންގާ ޕީޕީއެމުން ބުނެފި އެވެ.
ޖަމީލުގެ އިތުބާރު ނެތް ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު ޖަމީލް މިއަދު އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނު ނައިބު ރައީސްގެ މަގާމާއި ހަވާލުވި ހިސާބުން ފެށިގެން ވެސް ބާކީކޮށް އެމަނިކުފާނާ ދޭތެރޭ ޝައްކާއި ވަހުމުގެ ތެރެއިން ބަލަމުން އައި ކަމަށެވެ.
ޖަމީލުގެ ވާހަކަތަކައް ރައްދު ދީ ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިތުބާރު ނެތް މައްސަލައަށް ޖަވާބު ދާރީވެވަޑައިގަތުމުގެ ބަދަލުގައި ސަރުކާރާ ޕީޕީއެމް ބަދުނާމް ކުރައްވައި ޑރ. ޖަމީލް ދައްކަވަމުން ގެންދަވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.
"މީޑިއާ މެދުވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސަރުކާރާއި އަދި ޕާޓީގެ ވެރިންނާއި މިޕާޓީ ބަދުނާމުކުރައްވާ ދައްކަވާފައިވާ ވާހަކަފުޅުތަކަކީ އެއްވެސް ބުރަދަނެއް ނެތް، ހަގީގަތާ ހިލާފު ދޮގު ވާހަކަފުޅުތަކެއް." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޖަމީލުގެ އިތުބާރު ނެތް ކަމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 78 މެމްބަރުންނެވެ. އިތުބާރު ނެތް ކަމުގެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުނެވެ.