21 Jul 2015, 16:49
ތެހެރާން (ޖުލައި 21) : އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް އީރާނާއި ޖަރުމަނުން އެއްބަސްވެއްޖެކަން އެ ދެ ގައުމުން އިޢްލާން ކޮށްފި އެވެ.
ޖަރުމަނުގެ އިގްތިސާދާ ބެހޭ ވަޒީރު ސިގްމާރު ގަބްރަޔީލް އީރާނަށް ކުރެއްވި ދަތުރުފުޅު ނިންމާލުމާ ގުޅިގެން ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުންތައް ހަރުދަނާކޮށް ވިޔަފާރީގެ މުއާމަލާތްތައް (އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިންއޮތް ހާލަތަށް ވުރެ ވެސް) މަތީފެންވަރަކަށް ގެންދިޔުމަށް ދެގައުމުން ނިންމިކަން ބަޔާންކޮށްފައިވެ އެވެ. އަދި އީރާނުގެ ހަކަތައާއި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރްސަތު ޖަރުމަނުގެ ކުންފުނިތަކަށް އޮތްކަން ވެސް ހާމަކޮށްފައިވެ އެވެ.
ޖަރުމަނުގެ އިގްތިސާދާބެހޭ ވަޒީރު ސިގްމާރު ގަބްރަޔީލް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ފެއްޓެވި ދަތުރުފުޅުގައި ޖަރުމަނުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި މަޝްހޫރު އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ ވަފްދެއް ހިމެނެ އެވެ. ގަބްރަޔީލްގެ މިދަތުރުފުޅުގައި އޭނާއާއި އޭނާގެ ވަފްދުގެ ބޭފުޅުން ވަނީ އީރާނުގެ އިގްތިސާދާ ބެހޭ ވަޒީރާއި ތެލާ ބެހޭ ވަޒީރާ އަދި އީރާނުގެ ބޮޑެތި ކުންފުނިތަކުގެ ވެރިންގެ އިތުރުން އީރާނުގެ ރައީސް ހަސަން ރޫޙާނީއާ ވެސް ބައްދަލުކުރައްވާފަ އެވެ.
ހުޅަނގުގެ ބޭންކްތަކުގައިވާ އީރާނުގެ 150 ބިލިޔަން ޑޮލަރެއް އެގައުމަށް އަލުން ލިބުމުގެ މަގު، އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ ސަބަބުން މިހާރު އީރާނަށް ވަނީ ފަހިވެފަ އެވެ. މިފައިސާގެ ތެރެއިން 100 ބިލިޔަން އެމެރިކާ ޑޮލަރު ކުރިޔަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އީރާނުގެ މަރުކަޒީ ބޭންކަށް ލިބޭނެ ކަމަށް ބެލެވިފައިވާ އިރު މިފައިސާ ބޭނުންކޮށްގެން ތެލާއި ގޭހުގެ ސިނާއަތާއި އެގައުމުގެ މަދަނީ އިންފްރާސްޓަރަކްޗަރ ތަރައްގީކުރުމުގެ ބިޔަ މަޝްރޫޢުތަކެއް ހުޅުވާލުމަށް އީރާން ތައްޔާރުވަމުންދާކަމަށްވެ އެވެ.
އެތައް ބިލިޔަން ޑޮލަރެއްގެ މިމަޝްރޫޢުތައް ހޯދައިގެން އެއިން މާލީފައިދާ ހޯދުމަށް ޔޫރަޕްގެ ގައުމުތައް ކެތްމަދުވެފައިވާ އިރު ނިއުކްލިޔާ އެއްބަސްވުމަށް ފަހު އީރާނަށް އެންމެފުރަތަމަ ޒިޔާތްކުރެއްވި ޔޫރަޕްގެ އިސް މަސްއޫލުވެރިއަކީ ޖަރުމަނުގެ އިގްތިސާދާ ބެހޭ ވަޒީރު ގަބްރަޔީލް އެވެ. ގަބްރަޔީލް އަކީ ޖަރުމަނުގެ ޗާންސެލަރ އެނގެލާ މާކަލްގެ ނައިބުވެސް މެ އެވެ. އީރާނާ އެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަކީ ޖަރުމަނަށް މަސްލަހަތު ބޮޑުކަމެއްކަން ބަޔާންކޮށް ޖަރުމަނުގެ އިންޑަސްޓްރިއަލް ޔުނިޔަންއިންވަނީ އީރާނާއި އެގައުމާ ދެމެދު ކުރެވޭ މުޢާމަލާތްތައް ދެ ބިލިޔަން ޔޫރޯ އިން 10 ބިލިޔަން ޔުރޯއަށް އިތުރުކުރުމަށް މަސައްކަތްކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ.
ޖަރުމަނާއި އީރާނާދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް މިހާރުވަނީ ވަރަށް ދަށުގަ އެވެ. ދެ ހާސް ފަސް ވަނަ އަހަރުގައި އީރާނާއި ޖަރުމަނާ ދެމެދު 4.4 ބިލިޔަން ޔޫރޯގެ މުއާމަލާތް ކުރެވިފައިވާ އިރު 2013ގައި މިމިންވަރުވަނީ 1.8 ބިލިޔަން ޔޫރޯއަށް ދަށަށްގޮސްފަ އެވެ. މިހާބޮޑަށް ދެގައުމުގެ ވިޔަފާރީ ދަށަށް ދިޔައީ 2012 ވަނަ އަހަރު އެމެރިކާއާއި ޔޫރަޕުން އީރާނާދެކޮޅަށް އެންމެފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާ ލިބުމުގެ ދަތިކަން އީރާނަށް ބޮޑުވުމުންކަމަށްވެ އެވެ.
އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު މިދިޔަ ހަފްތާގައި ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމާ ގުޅިގެން އދ. ންނާއި ޔޫރަޕްގެ އިއްތިޙާދުން އިއްޔެ ވަނީ އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ނިންމާފަ އެވެ. މިކަމުގެ ސަބަބުން ކައިރިމުސްތަގްބަލެއްގައި އީރާނާއި ދުނިޔޭގެ ގައުމުތަކާދެ މެދު ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ އީރާނުގެ އިގްތިސާދަށް އާރޯކަމާއި ފާގަތިކަން އަންނާނެކަމަށްވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)