ގްރޫޕް މާރާމާރީތަށް ހުއްޓުވަން ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ހުރިހާ މުއައްސަސާތަކަށް ދެއްވާނެ ކަމަށާއި މަގުމަތީގެ އަމަން އަމާން ކަން ގެއްލުމުގައި އިހުމާލު ނުވާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.

ވެރިރަށް މާލެ އާއި އަތޮޅު ތަކުގެ ރަށްރަށުގެ މަގުތައްމަތީ ފާޅުކަން ބޮޑުކޮށް ހިންގަމުންދާ ނުރައްކާތެރި، ބޮޑެތި މާރާމާރީތަށް އިތުރު ވަމުން އަންނާތީ ޒުހައިރު ވިދާޅުވީ މާރާމާރީތައް ހުއްޓުވުމުގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ހެކިން ހިމާޔަތް ކުރުމަށް ކަމަށެވެ.

"ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވުން އެއީ. މިހެން މިދަންނަވަނީ އަމާން މާހައުލެއް އޮތުން އެއީ ހުރިހާ އެންމެންގެ ވަރަށް މުހިންމު ކަމަކަށްވެފައި ވާކަން. ސަރުކާރުން މަގުމަތީގެ އަމަންއަމާންކަން ގެއްލިގެން ދިޔުމުގައި އިހުމާލެއް ނުވާނަން. އެކަމުގައި މިހާރުން މިހާރަށްވެސް ސަރުކާރުން އެކި ގޮތްގޮތަށް ހެކި ވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރެއްވުން،" ޒުހައިރު ވިދާޅުވި އެވެ.

ވީޑީޔޯ އަދި އޯޑިޔޯ ކޮންފަރެންސް މެދުވެރިކޮށް މިހާރުވެސް ހެކިބަސް ދޭކަން ފާހަގަ ކުރައްވަމުން ޒުހައިރު ވިދާޅުވީ މާރާމާރީތައް ހުއްޓުވުމަށް ހަރުދަނާ ގާނޫނު ތަކާއި ގަވާއިދުތަށް މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން ފުލުހުންގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"އެކަމާ ބެހޭ ބިލް ވެއްޖެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ގާނޫނު ނުނިންމެވި ނަމަވެސް އެ ބިލް ހުށަހަޅުއްވާފައި ބައެއް ކަންތައްތަކުގެ ފަންނީ އެހީތެރިކަން މިހާރު ސަރުކާރުން ކުރިއަށް އެބަ ގެންދަވާ މިސާލަކަށް އޯޑިޔޯ ވީޑީޔޯ މެދުވެރި ކުރައްވައިގެން ހެކިބަސް ނެގުމުގެ ކަންތައްތައް. ހަރުދަނާ ގާނޫނު ތަކާ ގަވާއިދުތަށް ވަރަށް މުހިންމު. އަދި ފުލުހުން ވަކި ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން ފުލުހުންނަށް ވެސް ކުރިއެރުމެއް ލިބަފައި ވަނީ،" ޒުހައިރު ވިދާޅުވި އެވެ.