ނަސަންދުރާ ޕެލަަސް ހޮޓަލް ހުންނަ ކޮށީގައި ހިންގަމުން އައި އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް ހިންގާ އިމާރާތް ހުސްކޮށް، އެ އޮފީސް މަޖީދީމަގު ހުޅަނގުކޮޅުގައި ހުންނަ ރާވެރިޔާ ރެސްޓޯރަންޓް ހިންގި އިމާރާތަށް ބަދަލުވުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ، އިއްޔެ އިން ފެށިގެން އައިލެންޑް އޭވިއޭޝަން މިހާރު ހިންގަމުންދާ އިމާރާތް ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މާދަމަ އިން ފެށިގެން އައިލެންޑް އޭވިއޭޝަނުން ހިދުމަތް ދޭނީ ކުރިން ރާވެރިޔާ ރެސްޓޯރަންޓް ހުންނަ ބިމުގައި ހުރި އިމާރާތުގައި ކަމަށެވެ.

"އިމާރާތް ހުސްކުރުމުގައި މިއުޅެނީ މާދަމާ އެކޮޅުގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ." ނަޝާތު ވިދާޅުވި އެވެ.

ވަގުތީ އިމާރާތެއް ހަދައި އައިލެންޑް އޭވިއޭޝަން ރާވެރިޔާ ބިމަށް ބަދަލުވާ އިރު ހ. ލަބްލާބުގޭގައި ހިންގާ އައިލެންޑް އޭވިއޭޝަންގެ ހޮލިޑޭސް ވެސް އެ އިމާރާތަށް ބަދަލުކުރާ އިރު އެ ކުންފުނީގެ ކާގޯ ލަބްލާބުގެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް ވިދާޅުވީ މިހާރު އެ ކުންފުނި ހިންގަމުން ދަނީ އެކި ޑިޕާޓްމެންޓް އެކި އިމާރާތްތަކުގައި ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތަށް ބޮޑު ހުރަސްތަކެއް އެޅި އިންތިހާއަށް ހަރަދު ބޮޑު ކަމަށެވެ. އެކުންފުނީގެ ވިސްނުމަކީ ރާވެރިޔާ ބިމުގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހަދައި ހުރިހާ ޑިޕާޓްމެންޓެއް އެތަނަށް ބަދަލު ކުރުން ކަމަށް ހާރިޝް ވިދާޅުވި އެވެ.

އާ އިމާރާތް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު މި އަހަރުގެ ނިޔަލަށް އިދާރީ މަސައްކަތް ނިންމާލައި އަންނަ އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.