ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް ނިންމައި މަގާމުން ވަކި ކުރުމަށް ނެގި ވޯޓުގައި ބައިވެރި ނުވީ ރައްޔިތުންގެ ގިނަ ބަޔަކު އެދިފައި ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މަގާމުން ވަކި ކުރުމަށް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 78 މެމްބަރުންގެ ވޯޓުންނެވެ. އިތުބާރު ނެތް ކަމުގެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.

ގަރާރާ ދެކޮޅަށް ވޯޓުދެއްވި ދެ މެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.

ވޯޓަށް ފަހު އަނާރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޑރ. ޖަމީލު ވަކިކުރަން ވޯޓުގައި ބައިވެރި ނުވީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

ރައްޔިތުން އިންތިހާބުކޮށްފައިވާ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ވޯޓުގައި ބައިވެރި ނުވުމަށް ނިންމީ ރައްޔިތުންގެ ގިނަ ބަޔަކު އެދިފައި ވާތީއަނާރާ ވިދާޅުވި އެވެ.

ނައިބު ރައީސް ކަމުގެ މަގާމު މިހާރު ހުސްވެފައިވާ އިރު ދެން އެމަގާމަށް އައްޔަންކުރައްވާނެ ބޭފުޅެއްގެ ނަންފުޅު ރައީސް ޔާމީން އަދި ހުށަހަޅުއްވާފައެއް ނުވެ އެވެ.