އަންނަ އޮކްޓޫބަރު މަހު އެއާއޭޝިއާގެ ދަތުރުތައް މާލެ އާއި ކުއާލާލަމްޕޫރާ ދެމެދު ފަށާ ގޮތަށް ކަނޑައަޅައި މިއަދު ޓިކެޓް ވިއްކަން ފަށައިފި އެވެ.

އެއާއޭޝިއާގެ ރާއްޖޭގެ އެޖެންޓް، އޯލްއެޗް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހަމީދު އަބްދުލް ޣަފޫރު މިއަދު ސަން އަށް ވިދާޅުވީ އޮކްޓޫބަރު މަހު 22ގައި ފައްޓާ ދަތުރުތަކުގެ ޓިކެޓް ހަތަރު އަގެއްގައި ވިއްކަމުންދާ ކަމަށެވެ.

އެއާއޭޝިއާގެ އަގުގެ ކެޓަގަރީތަކުގައި ސުޕްޝަލް ޕްރޮމޯ ފެއާ، ލޯ ފެއާ، ނޯމަލް ފެއާ އަދި ފްލެކްސް ފެއާ ހިމެނޭ ކަަމަށް އަބްދުލް ހަމީދު އަބްދުލްޢަފޫރު ވިދާޅުވި އެވެ.

"އެއާއޭޝިއާ އަކީ ލޯ ކޯސްޓް ކެރިއާ އެއް. އޭގައި ފިކްސްޑް ފެއާއެއް ނުހުންނާނެ. އޮންލައިންކޮށް ދިޔައިމާ އަގުތައް ފެންނާނެ،" އަބްދުލް ހަމީދު އަބްދުލް ޣަފޫރު ވިދާޅުވި އެވެ.

އެއާއޭޝިއާ އިން އަގު ޗެކް ކުރުމަށް އެ އެއާލައިނުގެ ވެބްސައިޓް ބޭނުންކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

އެއާއޭޝިއާގެ ދަތުރުތައް ރާއްޖެ އަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ހަފްތާއަކު ތިން ދުވަހު އެވެ. އެއީ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

އެއާއޭޝިއާ ފްލައިޓްތަކުގައި އިން ފްލައިޓް އެންޓަޓެއިންމެންޓެއް ނުހުންނާނެ އެވެ. އަދި ކާ އެއްޗެހި ވެސް ޖެހޭނީ ގަންނަން ކަމަށް އޯލް އެޗް މޯލްޑިވްސް އިން ބުންޏެވެ.