08 Mar 2011, 17:26
ކްރިކެޓް ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ޕާކިސްތާނު މޮޅުވި ނަމަވެސް ބެޓްކުރުމުގެ ފެންވަރު މަތި ކުރަން ޖެހޭ ކަމަށް އެ ގައުމުގެ ކުޅުންތެރިން ގަބޫލު ކުރަން ފަށައިފި އެވެ.
ވައިސް ކެޕްޓަން މިސްބާހުލް ހައްގު ބުނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދާ ހިސާބުން ގަދަ ގައުމުތަކާ ކުޅެން ޖެހޭއިރު އެންމެ ބޮޑަށް އިސްކަން ދޭން ޖެހެނީ ބެޓްކުރުން ރަނގަޅު ކުރުމަށް ކަމަށެވެ.
ކެނެޑާ އަތުން ޕާކިސްތާން މޮޅުވި މެޗުގެ ފަހު ފަސް އޯވަރުގައި 71 ލަނޑު ހެދުން ފިޔވައި މިހާތަނަށް ޕާކިސްތާނުގެ ބެޓީން ރަނގަޅެއްނޫނެވެ. އަދި އެއީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެއްވެސް ކުޅުންތެރިއަކަށް ސައްތަ ހަދާނުލެވިފައިވާ ހަމައެކަނި ބޮޑު ބާރެވެ.
މިއީ ޕާކިސްތާނުގެ ކުޅުންތެރިން ވެސް ކަންބޮޑުވާ ކަމެކެވެ. މިހެންވެ ކެޕްޓަން ޝާހިދު އަފްރީދީ އާއި ކޯޗު ވަގާރު ޔޫނިސްވަނި ޕާކިސްތާނުގެ އޯޕަނިން ދެ ބެޓްސްމަނުން ކަމަށްވާ މުހައްމަދު ހަފީޒާ އަހުމަދު ޝަހްޒާދުގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. މި ދެ ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުމުން ޕާކިސްތާނުގެ ބެޓިން މިހާތަނަށް ހަމައަކަށް އަޅުވައިދެމުން އައީ އޭގެ ފަހުން ކުޅެން ނުކުތް މިސްބާހު އާއި އުމަރު އަކްމަލް އަދި އަފްރީދީ ފަދަ ކުޅުންތެރިންނެވެ. މިހެންވެ ބެޓިން އޯޑަރާމެދު ޓީމުގެ ތެރޭގައި ވަނީ ހިޔާލުތައް މައްސުނިވެފަ އެވެ.
ޕާކިސްތާނުގެ އުކުމަށް ބަލާއިރު މިހާތަނަށް ރަނގަޅު ޕާފޯމަންސެއް ދައްކާފައިވަނީ އަފްރީދީ އެކަންޏެވެ. ޖުމުލަ 14 ވިކެޓާއެކު އޭނާ އަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިޔާ އެވެ. ނަމަވެސް މިސްބާހު ބުނީ ކެޕްޓަން މޮޅަށް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަކު ކެޕްޓަނަށް އޮންނަ ޕްރެޝަރު ކުޑަކުރުމަށް އެހެން ކުޅުންތެރިން ވެސް މޮޅަށް ކުޅެން ޖެހޭ ކަމަށެވެ.
މުބާރާތުގައި މިއަދު ޕާކިސްތާނު ކުޅޭނީ ނިއުޒީލޭންޑާ އެވެ.