21 Jul 2015, 14:23
ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް ހުންނަންވާނެ ކަމަށް ބުނެފައިވާ މާއްދާއަކީ ބަޣާވާތަކަށް މަގުފަހިވާ މާއްދާއެއް ކަމަށާއި އެ މާއްދާ ބާތިލު ކުރުމަށް ގޮވާލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހަމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ އެފަދަ ކަންތައްތަކެއް ގާނޫނު އަސާސީގައި ހުރުމުން ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބަޣާވާތް ކުރުމުން އެކަމުގެ ނިކަމެތިކަން ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ.
"އެހެންވެގެން އަޅުގަނޑު ގޮވާލަން ރައީސުލްޖުމްހޫރިއްޔާ އަކަށް މުސްތަގުބަލުގައި އަންނަ ބޭފުޅަކު ވެސް ނުވިސްނަވައްޗޭ ލިބޭ ހަނި ފުރުސަތަކުން ތިމަންނައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިދާނޭ. އެ މަގާމު ލިބުމަށްޓަކައި ތިމަންނާ ކުރަންޖެހޭ ކަންތައް ތިމަންނާ ކޮށްގެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ތިމަންނާ އިސްވާނެ ކަމަށް. އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން،" މުސްތަފާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން(ކ) އަދި ނައިބު ރައީސް ޖަމީލު(ވ) ސަލާމް ކުރައްވަނީ: ފޮޓޯ/ މަޖިލިސް
މުސްތަފާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަވާ ބޭފުޅެއް "ރައީސުލްޖުމްހޫރިއްޔާއަށް ހިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ހިޔާނާތްތެރިވުން" ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއް "ރައްޔިތުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހަރާންކޯރުވެއްޖެނަމަ" މަގާމުގައި އެފަދަ ބޭފުޅެއް ބަހައްޓައިގެން ނުވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"މި ވޯޓު އަޅުގަނޑުމެން ނެގުމުގެ ކުރިން އިސްތިއުފާ ދިނުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ޑރ. ޖަމީލަށް ލިބިގެންދިޔަ. އަޅުގަނޑުމެން މިކަން ކުރާކަށް ނުޖެހުނީސް ނައިބު ރައީސް އެ ލިބުނު ފުރުސަތުގައި އިސްތިއުފާ ދެއްވި ނަމައެއް. މިކަމާ އަޅުގަނޑު ދެރައެއް ވެސް ނުވޭ. އަޅުގަނޑު ހިތާމައެއް ވެސް ނުކުރަން. އަޅުގަނޑު އުފާ ކުރަނީ ހަރާންކޯރުވާ އެއްވެސް ނައިބު ރައީސެއް އެ މީހެއްގެ މަގާމުގައި އެންމެ މިނެޓެއްވެސް ބެހެއްޓުމަކީ ކުރެވިގެން ވާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރަން،" މުސްތަފާ ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ޑރ. ޖަމީލް ރައްޔިތުންނަށް އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެމަގާމާ ހަވާލުވި ހިސާބުން ފެށިގެން އަބަދު ވެސް ބަލަމުން ދިޔައީ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށާއި އެމަނިކުފާނާއި ގުޅުމެއް ބެއްވުމަކީ އެމީހަކަށް ނަފްސުގެ ނުރައްކަލެއްގެ ތެރެއިން ހުށައެޅުމަށް އެއާ އެކު ވެގެން ދިޔަ ކަމަށެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މިއަދު މަޖިލީހަށް އިއްވުމަށްފަހު، އެ ގަރާރު މިއަދު މަޖިލީހުން ފާސް ކުރާނެ އެވެ.