ވޮޝިންޓަން (ޖުލައި 21): ސިނާއީ ގައުމުތަކަށްބަލާއިރު ގެދޮރުނެތި މަގުމަތީގައި ދިރިއުޅެންޖެހިފައިވާ މީހުންނާއި ފަގީރުންގެ ނިސްބަތް އެންމެ މަތީ އެމެރިކާގައިކަން ހާމަވެއްޖެއެވެ.

އެމެރިކާގެ ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ވާގޮތުން ޖީ ސެވަންގެ ނަމުން ނަންދެވިފައިވާ ދުނިޔޭގެ އެންމެ ބޮޑެތި ސިނާޢީ ގައުމުތަކުގެ ޖަމާއަތުގައި ފަގީރުންނާއި މަގުމަތީގައި ބިކަވެގެން އުޅެންޖެހިފައިވާ މީހުންގެ އަދަދުވެސް އަދި ނިސްބަތްވެސް އެންމެ ގިނައީ އެމެރިކާގައެވެ.

އެމެރިކާ ފިޔަވައި މިޖަމާއަތުގައި ދެންހިމެނެނީ ޖަޕާން، ޖަރުމަނު، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި އިޓަލީއެވެ. އެމެރިކާގެ ހައުސިންގް މިނިސްޓްރީ ބުނާގޮތުން އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ތިން މިލިޔަންމީހުން އެމެރިކާގައި މަގުމަތިވެ ބިކަހާލުގައި އުޅެންޖެހެއެވެ.

މީގެތެރެއިން ބައެއްމީހުންނަށް ފަހުން ކޮންމެވެސް ވަރެއްގެ ހިޔާވަހިކަން ލިބިގެން އެމީހުންގެ ހާލަތު ބަދަލުވާކަމަށްވެއެވެ.

އެމެރިކާގައި މަގުމަތިވާމީހުންގެ ތެރޭގައި އާއިލާތައް އެއްކޮށްވެސް ހިމެނެއެވެ. އެއީ މަންމައާއި ބައްޕައާއި ދަރިންނެވެ. އެމެރިކާގައި މިހާގިނައަދަދެއްގެ މީހުން މަގުމަތި (ހޯމްލެސް) ވަނީ ގެދޮރުގެ ކުލި ބޮޑުވެގެން ކުލި ނުދެއްކޭ ޙާލަތަށް ގޮސްގެންނާއި ވަޒީފާގެއްލިގެން ކުލި ދެއްކެންނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި މަގުމަތިވާމީހުންގެ ތެރޭގައި މަޝްހޫރު ޔުނިވާސިޓީތަކުން ޑިގްރީ ހަދައިގެން ތައުލީމް ލިބިފައިވާ މީހުންނާއި ޔުނވާސިޓީތަކުގައި ޕްރޮފެސަރުންގެގޮތުގައި ކުރިން މަސައްކަތްކޮށްފައިވާމީހުންވެސް ހިމެނޭކަމަށްވެއެވެ.

އަދި މަގުމަތިވެ ބިކަވާމީހުންގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވާސިޓީގެ ގްރޭޖުއޭޓުންވެސް ހިމެނެއެވެ. މިފަދަ މީހުންނަށް ފަހުން ވަޒީފާ ލިބިގެން ކޮންމެވެސް ވަރެއްގެ ހިޔާވަހިކަމެއް ލިބުމާއެކު އެމީހުންގެ ހާލަތު ބަދަލުވާކަމަށްވެއެވެ.

އެމެރިކާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން އެމެރިކާގައި ޕަވަޓީ ލައިން ދަށުގައި 45 މިލިޔަންމީހުން އުޅެއެވެ. މިއީ ފަގީރުންކަމަށްވިޔަސް މީގެތެރެއިން ގިނަމީހުންނަކީ ގެދޮރުލިބިގެން ވަޒީފާގައި އާދައިގެ ދިރިއުޅުމެއް އުޅޭމީހުންނެވެ. މުތްލަގް ފަގީރުންނެއްނޫނެވެ.

އެމެރިކާގައި ހަ މިލިޔަނަށްވުރެ ގިނަމީހުން ކާންބޯނެއެއްޗެއް ނުލިބި ހިލޭސާބަހަށް ކާބޯތަކެތި ބަހާ ޖަމްއިއްޔާ ޖަމާއަތްތަކަށް ބަރޯސާވެގެން އުޅޭކަމަށްވެއެވެ. މިއީ މުތްލަގް ނުވަތަ އެބްޒޮލިއުޓް ފަގީރުންނެވެ. މިފަދަމީހުންގެ ތެރޭގައި ގިނައީ ގެދޮރުނެތްމީހުންނެވެ.

އެމެރިކާއަކީ އެގައުމުގެ 90 އިންސައްތަ ތަނަވަސްކަން އެންމެ 10 އިންސައްތަ މީހުންގެ އަތްމަތީގައި އޮންނަ މުއްސަނދިންގެ ބާރު ހައްދުފަހަނަޅާފައިވާ ގައުމެކެވެ. އެމެރިކާގެ ތަނަވަސްކަމުގެ 10 އިންސައްތަ ހިއްސާކުރަނީ ބާކީތިބި 90 އިންސައްތަ ރައްޔިތުންނެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމުވެސް ކޮންޓްރޯލްކުރަނީ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކާ އަދި އެކއެކި ލޮބީ ގްރޫޕްތަކުންނެވެ. މިގްރޫޕްތަކުގެ ފަހަތުގައިވެސް ތިބެނީ ކުންފުނިތަކާއި މުއްސަނދިންނާއި ބައެއް ގައުމުތަކެވެ.

ޑިމޮކްރަސީގެ ނަމުގައި އެމެރިކާގައި ވެރިކަމެއް އޮތަސް ވޯޓުލުމުގެ ހައްގު ލިބުން ފިޔަވައި އެވެރިކަމަށް ރައްޔިތުންގެ މާބޮޑު ބާރެއް ނުހިނގައެވެ. ހިނގަނީ މުއްސަނދިންނާއި ވިޔަފާރިވެރިންނާ އަދި ކުންފުނިތަކުގެ ބާރެވެ. (ނޫސްއެޖެންސީތައް)