21 Jul 2015, 13:22
ޓީޖެޓީ ސަރަހައްދު ވެލިވިއްކާ ސަރަހައްދާއި ޖެހިގެން ހިންގަމުންދާ މާކެޓުގެ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީއިން ހޯދުމަށް އިއްޔެ ހިންގި ބޮޑު އިންސްޕެކްޝަނަކަށްފަހު އެތަން ހުސްކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ހައުސިން މިނިސްޓުރީ މެދުވެރިކޮށް އެކޮޅު ބަންދު ކުރުމުގެ މަސައްކަތް އެބަ ކުރަން މިއަދު. ހައުސިން މިނިސްޓުރީ އާއި ޕޮލިހާއި އިމިގުރޭޝަން ގުޅިގެން މިއޮޕަރޭޝަން މިހިންގީ،" ތައުފީގު ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު އާއި، އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު އަދި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދާއި ޚިލާފުވެފައިވާތީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އަށް ޓީ ޖެޓީ ސަރަހައްދުގައި ހިޔާކޮށްފައިވާ ބައިގައިވާ ހުރިހާ މުދާ، މުދަލުގެ ވެރިފަރާތުން ނަގައި ތަން ހުސްކުރުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.
އެތަން އެވަގުތަށް ހުސްނުކޮށްފިނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެެވެ.
ޓީޖެޓީގެ އެސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީއިން ގޮޅި ހަދައިގެން ވިޔަފާރި ކުރަމުން ދާ ތަނެކެވެ. އެތަނުގައި އާންމުކޮށް ވިއްކަނީ މީހުން ބޭނުންކޮށްފައި އުކާލާ އަންނައުނާއި ބޫޓު ފަދަ ތަކެއްޗެވެ.