21 Jul 2015, 12:20
އެމްޑީޕީއަށް ސަރުކާރުގެ ތެރޭގައި ހަމަނުޖެހުން އުފެއްދިދާނެ ކަމަށް ކުރާ އުންމީދު ވަރަށް ފަނޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން އީވާ މިއަދު ވިދާޅުވީ މިއަދުގެ ވޯޓުން ނައިބު ރައީސް ޖަމީލަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ހުންނަވާނީ ރައީސް ޔާމީނާއި ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށެވެ.
"އެހެންވީމަ ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަނުޖެހުން އުފެއްދިދާނެއޭ ކުރާ އުންމީދު އެއީ ވަރަށް ފަނޑު އުންމީދެއް. އެ އުންމީދުގައި އަޅުގަނޑުމެން ޑރ. ޖަމީލް ސަލަމާތް ކުރަން ދޭނެ ވޯޓެއް ނޯންނާނެ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ނައިބު ރައީސަކު ރައީސަށް ބޭވަފާތެރި ވުމުން އެކުރާ އަސަރު އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީގެ މެންބަރުންނަށާއި އޭނާއަށް ކަމަށެވެ.
"ނައިބު ރައީސަކު ބޭވަފާތެރިވުމުން އެ ކުރާ އަސަރު އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންނަށް. އަޅުގަނޑަކީ އެމްޑީޕީ މެންބަރެއް. އަޅުގަނޑަކީ އެމްޑީޕީ ވުޖޫދަށް އައިއްސުރެ އެމްޑީޕީ މެމްބަރެއް. އެމްޑީޕީގެ މެމްބަރަކު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދިފާއުކުރަން ދޭނެ ވޯޓެއް އޮއްނާނެ ކަމަށް އަޅުގަނޑަކަށް ނުފެނޭ،" އިވާ ވިދާޅުވި އެވެ.
މިއަދާ ހަމައަށްވެސް ޑރ. ޖަމީލު އެމްޑީޕީގެ މަސައްކަތްތަކަށް ބަދުބަސް ބުނަމުން ގެންދެވި ކަމަށާއި، އެގޮތުން ރިޔާސީ އިންތިޚާބު ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިޔަސް ވެރިކަން ހަވާލުނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
ނައިބު ރައީސް ޖަމީލުގެ ބޭވަފާތެރި ކަން ހުރިހާ ސަރުކާރަކުންވެސް ދެކިފައިވާކަމަށް އީވާ ވިދާޅުވި އެވެ.
"2013 ވަނަ އަހަރުގައި ވެސް ޑރ. ޖަމީލާ އިދިކޮޅަށް އަޅުގަނޑު ލީ ވޯޓު އަނެއްކާވެސް އަޅުގަނޑު މިލަނީ. މައުމޫނު އަބްދުލް ގައްޔޫމުގެ ކެބިނެޓްގައި އިންނަވައި ބޭވަފާތެރިވި. ރައީސް ނަޝީދުގެ ކެބިނެޓްގައި އިންނަވައި ބޭވަފާތެރިވި. ބާޣީ ވަހީދުގެ ކެބިނެޓްގައި އިންނަވައި ބޭވަފާތެރިވި. މިއަދު ރައީސް ޔާމިންގެ ކެބިނެޓްގައި އިންނަވައި ބޭވަފާތެރިވާ ވާހަކަ އަޅުގަނޑުމެން މި އަޑުއަހަނީ،" އިވާ ވިދާޅުވި އެވެ.