21 Jul 2015, 11:57
ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ދެން އަންނަ ބޭފުޅަކު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރި ނުވެއްޖެނަމަ ވީ އެންމެ އަވަހަކަށް އެބޭފުޅަކު ވަކި ކުރަން ޖެހޭނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހަމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ ފާއިތުވެގެން މިދިޔަ އަހަރުތަކުގައި ވެސް ރައްޔިތުންނަށް ނައިބު ރައީސުން ފެނިގެން ދިޔައީ ޒިންމާއެއް މަސްއޫލިއްޔަތެއް ނެތް ބައެއްގެ ގޮތުގައި ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުން އެގޮތަކަށް ނޫން އަމަލު ކުރަމުން އައީ. ޑރ. ޖަމީލަށް ރަނގަޅަށް އެނގޭނެ. ޑރ. ޖަމީލާ ހަވާލުކުރެވިގެން ދިޔަ ކަންތައްތައް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް އެކަންތައްތައް އެނގޭ. އެހެންނަމަވެސް އެމަނިކުފާނަށް ހެލްތު ދާއިރާއިންނާ އެޑިއުކޭޝަން ދާއިރާއަކުން އެބޭފުޅާއާ ހަވާލު ކުރެވިގެން ދިޔަ ޒިންމާ އަދާ ނުކުރެވޭކަން ރާއްޖޭގެ ރައްޔިތުންނަށް ހިކެވޭ،" މައުރޫފު ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބެއް ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކާމިޔާބު ކުރެއްވުމަށްފަހު ދައުލަތުގެ ދެބައިކުޅަ އެއްބައި ނައިބު ރައީސް ޑރ. ޖަމީލާ ހަވާލު ކުރެވިގެން ދިޔަ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުގައި ޑރ. ޖަމީލު ހުންނެވީ "އެހަލާފައި ހުންނެވި ބޭފުޅެއްގެ ގޮތުގައި" ނޫން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ----- ސަން ފައިލް ފޮޓޯ
"އެމަނިކުފާނަށް [ނައިބު ރައީސް ޑރ. ޖަމީލު] ވަރަށް ބޮޑެތި ޒިންމާތަކެއް ރައީސް އަބްދުﷲ ޔާމީނު ދެއްވި. ރައީސުލްޖުމްހޫރިއްޔާގެ އޯގާތެރިކަމާއި އެކީގައި ޑރ. ޖަމީލު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް އެ ހައްގުތައް ރައީސް ޔާމީނު ވަނީ އަދާކޮށްދެއްވާފައި. އެެހެންނަމަވެސް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޑރ. ޖަމީލުގެ މަސައްކަތަށް އޭނާ ގައްދާރުވެ އެކަންތައްތައް ނުކުރެވުމުގެ ސަބަބުން މިއަދު މިކަމާ ކުރިމަތިލާން މިޖެހެނީ،" މައުރޫފު ވިދާޅުވި އެވެ.
ނައިބު ރައީސް ޑރ. މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މިއަދު މަޖިލީހަށް އިއްވުމަށްފަހު، އެ ގަރާރު މިއަދު މަޖިލީހުން ފާސް ކުރާނެ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން އެންގުމުގެ ގޮތުން ނައިބު ރައީސް ޖަމީލަށް މަޖިލީހުން ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވާފަ އެވެ.
ެއެ މައްސަލާގައި ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކަމަށް ނައިބު ރައީސް ޖަމީލްގެ ފަރާތުން މަޖިލީހަށް އަންގާފައި ވަނިކޮށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ނައިބު ރައީސް ޖަމީލުގެ ބަދަލުގައި ގާނޫނީ ވަކީލަކަށް މަޖިލީހުގައި ޖަވާބުދާރީ ނުވެވޭނެ ކަމަށް އަންގާފައެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ގާނޫނީ ވަކީލަށް ޖަވާބުދާރީ ނުވެވުނު ނަމަވެސް ޖަމީލަށް ގާނޫނީ ލަފާދެއްވުމަށް އެމަނިކުފާނުގެ އަރިހު ގާނޫނީ ވަކީލަށް ވަޑައިގެންނެވޭނެ ކަމަށެވެ.