21 Jul 2015, 13:12
އދ. މަޖިލިސް (ޖުލައި 21): އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ހަފްތާގައި ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުން، އދ. ގެ ސަލާމަތީ މަޖިލީހުންނާއި ޔޫރަޕްގެ އިއްތިޙާދުން ތަސްދީގުކޮށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފޔަވަޅުތައް އުވާލުމުގެ ގަރާރުތަކެއް ފާސްކޮށްފިއެވެ.
މި އެއްބަސްވުން ތަސްދީގުކުރުމަށް މިދެފަރާތުންވެސް ފާސްކުރި ގަރާރުތައް ގޮވާލަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. ނަމަވެސް އީރާނުން ނިއުކްލިއާ އެއްބަސްވުމަށް އިޙްތިރާމްކުރާ މިންވަރާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅުވާފައިވެއެވެ.
ނިއުކްލިއާ އެއްބަސްވުން ތަސްދީގު ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ބުނާގޮތުން އީރާނަށް މިސައިލްޓެކްނޮލޮޖީ ތަރައްގީކުރުމާބެހޭ ތަކެއްޗާއި ނިއުކްލިއާ ޓެކްނޮލޮޖީއާ ގުޅޭ ތަކެތި އެގައުމަށް އިންޕޯޓްކުރެވޭނީ އަށް އަހަރު ފަހުންނެވެ. އެނޫން ބަރުހަތިޔާރު އެގައުމަށް އިންޕޯޓްކުރެވޭނީ ފަސްއަހަރު ފަހުންނެވެ.
ނަމަވެސް އދ. ގެ ކަމާބެހޭ ކޮމިޓީއަކަށް ހުށަހަޅައިގެން އެކޮމިޓީގެ ރުހުން ލިބިއްޖެ ހާލަތެއްގައި ފަނާކުރަނިވި ހަތިޔަރާއި މިސައިލްޓެކްނޮލޮޖީއާ ނުގުޅޭ ހަތިޔާރު އީރާނަށް އިންޕޯޓް ކުރުމުގެ ފުރްސަތު ކޮންމެ ވަގުތަކުވެސް ދެވިދާނެކަމަށް މިގަރާރު ބުނެއެވެ. މިއާއެކުވެސް އިގްތިސާދީގޮތުން އަޅާފައިވާ ފިޔަވަޅުތައް އެކިފިޔަވަހިމަތިން ތިންމަސް ތެރޭގައި މުޅިން ނިމުމަކަށް ގެނައުމަށް އދ.ގެ ގަރާރު ގޮވާލައެވެ.
ޔޫރަޕްގެ އިއްތިޙާދުން އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ދެމަސްދުވަހުގެ ތެރޭގައި މުޅިން ނިމުމަކަށް ގެނައުން ޔޫރަޕްގެ އިއްތިޙާދުން އިއްޔެ ފާސްކުރި ގަރާރުގައި ހިމެނެއެވެ.
އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުންނާއި ޔޫރަޕްގެ އިއްތިޙާދުން މިގަރާރުތަކަށް އީރާނުގެ އިތުރުން ދުނިޔޭގެ ގައުމުތައްވަނީ މަރުހަބާކިޔާފައެވެ. މިގަރާރުތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާ މުޢާމަލާތް ކުރަމުން ގެންދިޔަ ހަރުކަށިގޮތްތައް މުޅިން ބަދަލުވެގެން ދިޔަތަން ސަލާމަތީ މަޖިލީހުގެ ގަރާރާއި ޔޫރަޕްގެ އިއްތިޙާދުގެ ގަރާރުތަކުން ފެނިގެން ހިނގައްޖެ ކަމުގައެވެ.
ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އދ. އަށާއި ބައިނަލްއަގްވާމީ މުޖުތަމައަށް ގޮންޖަހަމުންދާ އިސްރާއީލުންވަނީ ސަލާމަތީ މަޖިލީހާއި ޔޫރަޕްގެ މިނިންމުންތަކަށް ފާޑުކިޔައި މިކަން ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. (ނޫސްއެޖެންސީތައް)