21 Jul 2015, 10:57
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލުވި ހިސާބުން ފެށިގެން ސަރުކާރުގެ އިސް ފަރާތްތަކުން އަބަދު ވެސް ބެލީ އެއްކިބާ ކުރަން ޝައްކާއި ވަހުމުގެ ތެރެއިން ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ޓަކައި ޑރ. ޖަމީލް ރައްޔިތުންނަށް އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެމަގާމާ ހަވާލުވި ހިސާބުން ފެށިގެން އަބަދު ވެސް ބަލަމުން ދިޔައީ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށާއި އެމަނިކުފާނާއި ގުޅުމެއް ބެއްވުމަކީ އެމީހަކަށް ނަފްސުގެ ނުރައްކަލެއްގެ ތެރެއިން ހުށައެޅުމަށް އެއާ އެކު ވެގެން ދިޔަ ކަމަށެވެ.
ނައިބް ރައީސްގެ މަގާމާއި ހަވާލުވި ހިސާބުން ފެށިގެން އެ މަސްއޫލިއްޔަތު ވެގެންދިޔައީ އެހެންހުރިހާ ފަރާތްތަކުގެ މަސްއޫލިއްޔަތަށް ވުރެ ނުރައްކަލުން ފުރިފައިވާ ކަމަކަށް ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމުނު ހިސާބުން ފެށިގެން އެމަޤާމު ވެގެންދިޔައީ ހީކުރިވަރަށް ވުރެ އުނދަގުލާއި ދަތީގެތެރޭގައި އަދާކުރަންޖެހުނު މަސްއޫލިއްޔަތަކަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަނީ: ސަން ފައިލް ފޮޓޯ
"މަޖިލީހުގެ ބައެއް މެންބަރުންނާ އެކު އަޅުގަނޑު ބައްދަލުކުރުމާއި އެ މެންބަރުންނާ އެކު ރަޙްމަތްތެރިކަން ބޭއްވުން ވެގެންދަނީ ބޮޑު ވިހައަކަށް،" ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސް ސަރުކާރުގެ ދިފާއުގައި މަސައްކަތް ނުކުރައްވާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތުހުމަތު ކުރައްވާއިރު އެކަމަށް އަލިއަޅުވާލައި ނައިބް ރައީސް ވިދާޅުވީ ނައިބު ރައީސްގެ މަޤާމަށް އިންތިހާބުވި ހިސާބުން ފެށިގެން އެމަނިކުފާނުގެ ދައުރު ވެގެންދިޔައީ ތޫނު ކަނޑިއެއްގެ މިޔަމަތީގައި ހުރުން ފަދަ ކަމަކަށް ކަމަށާއި ސަރުކާރު ޕްރޮމޯޓްކުރުމަށް މަސައްކަތްކޮށްފި ނަމަ އެކަން ވެސް ވެގެން ދަނީ ހުއްދަނޫން ހަރަކާތެއް ހިންގިކަމަށް ކަމަށް ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ ހާލުއަހުވާލުބަލައި ރައްޔިތުންނާ ހިސާބަށް ގޮސް ގޭގެއަށް ޒިޔާރަށްކުރަންފެށި ހިސާބުން އެފަދަ ތުހުމަތުތައް ކުރެވެން ފެށި ކަމަށް ވިދާޅުވި އެވެ.
"ނައިބު ރައީސްގެ ޙައިސިއްޔަތުން އަތޮޅުތެރެއަށާއި ރައްޔިތުންނާއި ހަމައަށް ދިއުމަށް ފުރުސަތެއް ނުދިނުމުގެ އިތުރުން އަމިއްލަ ގޮތުން ރައްޔިތުންނާއި ހަމައަށް ހިނގައްޖެ ނަމަވެސް މިއަދު އެ ވިދާޅުވާފަދަ ތުހުމަތުކޮށް އެ ވިދާޅުވާ އިތުބާރު ގެއްލޭކަމަށްވި. މިފަދަ ކޮންމެކަމަކީ ވެރިކަމާ ތޮޅެނީކަމަށް، ރައީސުލްޖުމްހޫރިއްޔާއި އެމަނިކުފާނުގެ ގާތްބޭފުޅުން އެއިރު ވެސް ސިފަކުރައްވާ،" ނައިބް ރައީސް ވިދާޅުވި އެވެ.
އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިނގާ ކަންތައްތަކުގައި ވެސް ނައިބު ރައީސް ބައިވެރިވުމަށް ސީދާ ސަރުކާރުގެ ތެރެއިން އޮތީ ފަރުދާއެއް އަޅައި ބާކީ ކުރެވިފައި ކަމަށް ވެސް އެމަނިކުފާން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ބައިވެރިވާކަމެއްގައި ނައިބު ރައީސް ބައިވެރިވާން ނުޖެހޭ ކަމަށް ވުޒާރާތަކަށްވަނީ އަންގަވާފައި، އެހެންވީ އިރު ސަރުކާރު އިތުރަށް ޕްރޮމޯޓް ކުރުމަށް ނައިބު ރައީސަށް ކުރެވޭނެ ކަންތައް ތަރުތީބުވާނެ ގޮތް ދިވެހި ރައްޔިތުންނަށް އިހްސާސްވާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ޔާމީން އަދި ނައިބު ރައީސް ޑރ. ޖަމީލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނައިބު ރައީސްގެ ހައިސިއްޔަތުން މަޤާމު އަދާކުރި އިރު ދުވަހަކު ވެސް ސަރުކާރާއި ނުވަތަ ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް ނުވަތަ ސަރުކާރުގެ ސިޔާސަތާއި ފުށުއަރާ ފަދަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.
އެންމެ ފަހުން އިސްތިއުފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދޭކަމަށް ބުނެ މެސެޖްފޮނުވީ އެހެންމީހުންގެ ބޮލުގައި ވެސް އިލްޒާމްތައް އެޅުވި ގޮތަށް އެމަނިކުފާނުގެ ބޮލުގައި ވެސް ކޮންމެވެސް ކަމެއް އެޅުވިދާނެ ކަމަށް ބުނެ ކަމަށް ވެސް ނައިބް ރައީސް ވިދާޅުވެފަ އެވެ.
ރައްޔިތުން ވޯޓްދިނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަށް ބަލާފައި ނޫން ކަމަށާއި އެއާ އެކު އެމަނިކުފާނުގެ ނަމަށް ވެސް ބައްލަވާފައި ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި ބަޔަކު ރައްޔިތުންގެ އެހައްގު ނިގުޅައިގަތުމަށް މިއަދު މަސައްކަތް ކުރައްވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް މި ބަޔާން ދެއްވީ އިނިގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމުން ހުށަހަޅާ ގަރާރަށް ބަހުސްކުރުން މިއަދު މަޖިލީހުގައި އޮންނާނެ އެވެ.