Last Updated:
1 decade 4 month ago

އިތުބާރު ނެތް ކަމަށް ފާސްކޮށް، ނައިބު ރައީސް މަގާމުން ވަކިކޮށްފި

    ބުލޮގު ޚުލާސާ

    ނައިބު ރައީސް ޑރ. މުހައްމަދު ޖަލީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މިއަދު މަޖިލީހަށް އިއްވާނެ އެވެ. އެ ގަރާރު މަޖިލީހަށް އިއްވުމަށްފަހު، އެކަމާ ގުޅޭ ގޮތުން ބަހުސް ކުރުމަށް ފަހު، އެ ގަރާރު މިއަދު މަޖިލީހުން ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

    މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ 61 މެމްބަރަކު ސޮއި ކުރައްވައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ގަރާރެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ގަރާރަށް ޖަވާބު ދާރީވުމަށް 14 ދުވަހުގެ މުއްދަތެއް ނައިބު ރައީސް ޑރ. ޖަމީލަށް ދެއްވާފައިވާ ކަމަށެވެ.

    13:43

    ނައިބު ރައީސް މަގާމުން ވެކިވެއްޖެ ކަމަށް ރިޔާސަތުން އިއުލާން ކުރައްވައިފި.

    ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ޖެހިއްޖެނަމަ އެކަން ކުރެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށް.

    13:41

    ނައިބު ރައީސް ޖަމީލަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި

    މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޖަމީލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި.

    އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 78 މެމްބަރުން

    އިތުބާރު ނެތް ކަމުގެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުން

    ޖަމީލަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ މެމްބަރު މަހުލޫފާއި މެމްބަރު އަލީ ހުސައިން.

    13:37

    ނައިބު ރައީސް މަގާމުން ވަކިކުރުމަށް ވޯޓަށް އަހަން ތައްޔާރުވެފައިވާއިރު، ގާނޫނު އަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުން.

    އެހެންކަމުން އެމަނިކުފާނު މަގާމުން ވަކިކުރެއްވުމަށް މަޖިލީހުގެ ޖުމްލަ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓު ބޭނުންވާނެ.

    13:35

    ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން މިއަދު ނަގާ ވޯޓުގައި ބައިވެރިނުވާން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ ނިންމަވާފައި. އޭނާއަކި އަދާލާތު ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި ހަމައެކަނި މެމްބަރު.

    13:16

    އިތުބާރު ނެތް ކަމުގެ ގަރާރަށް ބަހުސްކޮށް ނިންމައިފި

    13:05

    ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލު ހަމަޖައްސަވަން އުޅުއްވި ދުވަހު ވެސް އަޅުގަނޑު އެކަމާ ދެކޮޅު ހެއްދެވިން. އެއީ އެމަނިކުފާނު އިހްލާސްތެރިނުވާނެތީ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމަށް.

    އަޅުގަނޑު ރައީސް ޔާމީންގެ އަރިހުގައި ދެންނެވި ޑރ. ޖަމީލް ގެންދަވަނީ 2018 އަށް ކެމްޕެއިން ކުރެއްވުމަށް. އެމަނިކުފާނު ވަނީ އެކިއެކި ގްރޫޕުތައް ހައްދަވައި، ރައީސް ޔާމިން ބަދުނާމު ކުރުމުގެ މަސައްކަތް ކުރައްވާފައި. އަދި ޖަމީލުގެ އަރިސް ބޭފުޅުންނަށް ވަޒީރުކަން ނުދެއްވުމަށް އަޅުގަނޑު ރައީސް ކައިރީގައި ދެންނެވިން. އެއީ އެ ބޭފުޅުން ވެސް ރައީސް ޔާމީނަށް އިހްލާސްތެރިނުވާނެތީ.

    މިއަދު ޑރ. ޖަމީލަށް ރައީސް ޔާމީންގެ އިތުބާރު ނެތްކަން އެނގުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް.

    އަޅުގަނޑު އުންމީދު ކުރަނީ މުޅި މަޖިލިސް މިއަދު އިއްތިފާގު ވާނީ ޑރ. ޖަމީލު އިހްލާސްތެރިނުވީމައި. އެހެންވީމާ މިއަދު އަޅުގަނޑުމެން އެބަޖެހޭ އެމަނިކުފާނަށް އިތުބާރު އޮތް ބޭފުޅެއް ނައިބު ރައީސަކަށް ގެންނަން.

    13:04

    މަޖިލީހުގެ ޖަލްސާ އަލުން ފަށައިފި. މިހާރު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު.

    12:12

    ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ގަޑިއެއްހާއިރަށް މެދުކަނޑާލައިފި. ދެން މަޖިލިސް ފަށާނީ 1:00 ގައި.

    11:47

    އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޑރ. ޖަމީލު މަގާމުން އިސްތިއުފާ ދެއްވުމަށް ފުރުސަތު ލިބިގެންދިޔަ. އެ ފުރުސަތުގައި އެމަނިކުފާނު އެކަމެއް ނުކުރެއްވި. ރައީސުލްޖުމްހުރިއްޔާ އަށް ހަރާންކޯރުވި ނައިބު ރައީސަކު ކުޑަ ވަގުތުކޮޅަކަށް ވެސް މަގާމުގައި ބަހައްޓާކަން ނުވާނެ.

    ނައިބު ރައީސްގެ މަގާމަށް އަންނަ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވިދާނެ ކަމަށް އެއްވެސް ބޭފުޅަކު ގަބޫލު ނުކުރައްވައްޗޭ. އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން.

    ރައީސް ޔާމިން، އަހުމަދު އަދީބަށް ވުރެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއް ނެތް. އެހެންކަމުން އެ ފުރުސަތު (ނައިބު ރައީސްގެ މަގާމު) އަދީބަށް ދެއްވާށޭ.

    ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ-- ފައިލް ފޮޓޯ
    11:44

    ނައިބު ރައީސްގެ މަގާމަކީ އޮންނަންޖެހޭނެ މަގާމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އާންމު ރައްޔިތުން ވޯޓު ލައިގެން ހޮއްވަވާފައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާ ނައިބު، މަޖިލީހުން ވަކިކުރުމަކީ ބައެއް ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން. ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.

    އަނާރާ ނައީމް-- ފައިލް ފޮޓޯ
    11:36

    އަޅުގަނޑުގެ އިތުބާރެއް ނައިބު ރައީސަކަށް ނެތް. އެހެންކަމުން އަޅުގަނޑުމެން މި ހުށަހަޅާފައިވާ މައްސަލައަށް އެހެން މެމްބަރުން ވެސް ވޯޓު ދެއްވުމަށް އަޅުގަނޑު ގޮވާލަން. ސޯޝަލް ކައުންސިލާ ނައިބު ރައީސް ހަވާލުވެވަޑައިގެން ހުންނަވައި، ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ މިންވަރު ފެންނަމުން ދިޔައިރު، އެކަމަށް އަޅުގަނޑުމެންނަށް ޖަބާބުދާރީވެވަޑައިގަތުމުގެ ބަދަލުގައި ނައިބު ރައީސް ދިޔައީ އަޅުގަނޑުމެންނާ ޖަދަލު ކުރައްވަމުން.

    މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ): ފައިލް ފޮޓޯ
    11:32

    ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން އެބަޖެހޭ. އެއީ އިތުބާރު ނެތުމުން. ދިހަ ފޮޅުވަތުގެ ގަރާރަކުން ނައިބު ރައީސް މަގާމުން ވަކިކުރަން އުޅޭ ކަމަށް މި ވާހަކަ ދައްކަމުން ދަނީ. އަޅުގަނޑު ދަންނަވާނީ އިތުބާރު ނެތް ނައިބު ރައީސަކު އެއް ފޮޅުވަތުން ވެސް މަގާމުން ވަކިކުރަންވީއޭ.

    11:28

    ވަކީލަކު ބޭނުންކޮށްގެން ޑރ. ޖަމީލަށް މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގެންނެވުމަކީ ދެރަވަރު ކަމެއް. މިއީ ރާއްޖޭގެ ތާރީހުގައި ކަޅު އަކުރުން ފަވާލެވިގެންދާނެ ދުވަހެއް. އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. ޖަމީލް މަގާމުން ވަކިކުރާތީއެއް ނޫން. އެއީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)ގެ ފަހު ތިން ފޮޅުއަތުގައި ބުނެފައިވާ ވަކީލެއް ބޭނުންކޮށްގެން ޖަވާބުރާރީވުމުގެ ހައްގު މި މަޖިލީހުން ނިގުޅައިގެންފައިވާތީ.

    ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ފައިލް ފޮޓޯ
    11:21

    ސަރުކާރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަނުޖެހުން އުފެއްދިދާނެ ކަމަށް ބުނެވޭ ވާހަކައަކީ ވަރަށް ފަޑު އުންމީދެއް. ނައިބު ރައީސް ޑރ. ޖަމީލު މި ވޯޓުން ސަލާމަތްކޮށްގެން ސަރުކާރު ތެރޭގައި ހަމަނުޖެހުން އުފެއްދިދާނެ. އެކަމަކު އެއީ ކުޑަ އުންމީދެއް.

    ރައީސް މައުމޫންގެ ކެބިނެޓުގައި އިންނަވައި ޖަމީލު ވަނީ މައުމޫނަށް ބޭވަފާތެރިވެފައި. ޑރ. ވަހީދުގެ ކެބިނެޓުގައި އިންންވައި ޖަމީލު ވަނީ ވަހީދަށް ބޭވަފާތެރިވެވަޑައިގެންފައި. އަދި ރައީސް ޔާމީނަށް ވެސް އެމަނިކުފާނު ވެސް ވަނީ ބޭވަފާތެރިވެވަޑައިގެންފައި.

    އެހެންކަމުން އެމަނިކުފާނަށް އަޅުގަނޑުގެ އިތުބާރެއް ނެތް.

    އީވާ އަބްދުﷲ-- ފޮޓޯ ޓުވިޓާ
    11:19

    އަލީ އާރިފް: ކެލާ ދާއިރާގެ މެމްބަރު

    ރައީސުލްޖުމްހޫރިއްޔާގެ އިތުބާރެއް، ނައިބު ރައީސަކަށް މިއަދު ނެތް. އަޅުގަނޑުމެންގެ އިތުބާރެއް ވެސް ޑރ. ޖަމީލަކަށް ނެތް. އެހެންކަމުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް އެދެން.

    ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް: ފައިލް ފޮޓޯ
    11:15

    މެމްބަރު މަހުލޫފާއި މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައިފި.

    މަހުލޫފު: އަޅުގަނޑު ބަހުސްގައި ވާހަކަފުޅު ދެއްކެވުމަށް ދޮޅު މިނިޓް ދެއްވާފައިވާއިރު، މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ރީކޯ މޫސާ މަނިކަށް ދީފައި ވަނީ ތިން މިނިޓް. މިއީ އިންސާފެއް ނޫން.

    ރިޔާސަތު: ނިޒާމީ މައްސަލައެއް ނޫން. ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މި މަޖިލީހުގައި ދަފްތަރު ކުރެވިފައިވާ މެމްބަރެއް.

    އަލީ އާޒިމް: ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ މެމްބަރެއް ނޫން. އެހެންކަމުން އެއީ އެމްޑީޕީގެ މެމްބަރެއް ކަމަށް ރިޔާސަތުން ވިދާޅުވެގެއް ނުވާނެ.

    11:10

    ނައިބު ރައީސްއަކަށް މިއަދު ހުންނެވި ޑރ. ޖަމީލަކީ ބަޣާވާތް ކުރި ދުވަހު، އަޅުގަނޑުމެންނަށް (އެމްޑީޕީ މެމްބަރުންނަށް) އަނިޔާ ކުރަން ނުކުމެ ހުރި މީހެއް. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން މި މަޖިލީހުގައި ތިއްބެވި ބޭފުޅުން ޑރ. ޖަމީލުގެ އިތުބާރު ނެތް ކަމަށް ވިދާޅުވާނަމަ، އެމަނިކުފާނު އިތުބާރު ގެއްލުނީ.

    ހުޅުހެންވޭރު ދާޢިރާގެ މެމްބަރު ރީކޯ މޫސާ މަނިކު:ފައިލް ފޮޓޯ
    11:05

    އަލީ މައުރޫފް: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު

    ނައިބު ރައީސް އެމަނިކުފާނުގެ ޒިންމާ އަދާކުރުމުގައި ގައްދާރުވެފައިވޭ. އެމަނިކުފާނުގެ މަސައްކަތައްކަށް ވެފައި ވަނީ ރިސޯޓުތަކާއި ފަޅުރައްތަކަށް ދިއުމާއި އުފާ ފާޅުކުރުން. އަޅުގަނޑުމެން ބޭނުންވަނީ ރައީސަށް ވަފާތެރި ބޭފުޅެއް، ރައީސަށް ގައްދާރު ނުވާނެ ބޭފުޅެއް.

    ނައިބު ރައީސަކަށް ދެން ގެންނަ މީހަކު ރައީސަށް ވަފާތެރި ނުވެއްޖެ އެމީހަކު ވެސް މަގާމުން ވަކިކުރަންޖެހޭނެ.

    ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް: ފައިލް ފޮޓޯ
    10:57

    މާރިޔާ އަހުމަދު ދީދީ: މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު

    ނައިބު ރައީސް ޑރ. ޖަމީލާ މެދު އިތުބާރު ނެތް ކަމުގެ އެތައް ސަބަބެއް އެބަހުރި. އެމަނިކުފާނު ފެބްރުއަރީ 7، 2012، އަދި ފެބްރުއަރީ 8، 2012، ގައި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރެއްވި އިރު، އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން. އެމްޑީޕީ މީހުންނަކީ ލާދީނީ މީހުން ކަމަށް ވިދާޅުވެފައިވުމުން.

    ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދެނީ އުފަލުންނެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް މައްސަކަތް ކުރައްވާ ބޭފުޅަކަށް ނައިބު ރައީސް ނުވާތީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން އެބަޖެހޭ.

    މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ: ފައިލް ފޮޓޯ
    10:55

    ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް އިއްވައިފި.

    ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް އިއްވައިފި. އެ ގަރާރު މަޖިލީހަށް އިއްވެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު.

    ނިހާނު: އިތުބާރު ނެތް ކަމަށް ހުށަހަޅުއްވި ސަބަބެއް ކަމަށް ނިހާން ވިދާޅުވީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާ ކުރަމުން ނުގެންދާތީ ކަމަށް. ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުން ނުހިފާތީ އާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުތަކެއް ކުރެވޭތީ އާއި އެ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީ.

    އަހުމަދު ނިހާން ހުސައިން މަނިކު
    10:49

    ރިޔާސަތުން ވިދާޅުވީ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިނުގެންނެވޭނެ ކަމަށް ޑރ. ޖަމީލު އަންގަވާފައި ނުވާ ކަމަށް.

    މިއަދުގެ ޖަލްސާ ފެށުން ލަސްވި ސަބަބެއް ކަމަށް ރިޔާސަތުން ވިދާޅުވީ ނައިބު ރައީސްގެ ނަންފުޅުގައި ރައީސް އޮފީހުން މަޖިލީހަށް ސިޓީފުޅެއް ލިބިފައިވުމުން ކަމަށް. ނަމަވެސް އެ ސިޓީގައި ބުނެފައިވާ ވާހަކަތަކެއް ރިޔާސަތަކުން ވިދާޅެއް ނުވޭ.

    އެ ސިޓީގައި ނައިބު ރައީސް ސޮއި ކުރައްވާފައެއް ނުވާ ކަމަށާއި އެއީ ނައިބު ރައީސް ފޮނުއްވި ލިޔުމެއް ކަން އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް ރިޔާސަތުން ވިދާޅުވި. ޖަވާބު ދާރީ ވުމާއި ނުވުން އޮތީ ޖަމީލުގެ އަމިއްލަ އިހުތިޔާރުގައި ކަމަށް މަސީހު ވިދާޅުވި

    މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މެންބަރުން މަޖިލިސް ކުރިމަތީ-- ފޮޓޯ ނިހާން