(ރޮއިޓާސް) އީރާނުން ދެއްކި ކަހަލަ ވާހަކަތަކެއް އެމެރިކާއާއި އެކު ދައްކައި، ނިއުކްލިއަ ގާބިލިއްޔަތު ދޫކޮށްލަން ބޭނުން ނުވާ ކަމަށް އުތުރުކޮރެއާއިން ބުނެފި އެވެ.

އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނާއި އެމެރިކާއާއި ދެމެދު ނިއުކްލިއަ މައްސަލައިގައި ސޮއިކުރި އެއްބަސްވުން އުތުރު ކޮރެއާއާއި އަޅައި ކިއުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"... އެހެނީ އަހަރެމެން ވަނީ އެމެރިކާގެ އަސްކަރީ ދެކޮޅުވެރިކަމާއި ރުޅިއެރުވުމަށް ހުށަހެޅިފައެވެ. ބޮޑެތި އަސްކަރީ ތަމްރީނުތައް ހިންގުމާއި ނުރައްކާތެރި ނިއުކްލިއަ ބިރުދެއްކުންތައް ހިމެނޭ ގޮތުންނެވެ،" އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ވާހަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ނިއުކްލިއަ މަސައްކަތް މަޑު ޖައްސައިލުން ނުވަތަ މުޅިން ހުއްޓައިލުމަށް ވެސް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ގިނަ އަދަދެއްގެ ނިއުކްލިއާ ހަތިޔާރު އުފައްދައި ގުދަން ކޮށްގެން ތިބި ގައުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިއާއި ޗައިނާ އާއި ފްރާންސާއި ޖަރުމަނާ އެކު އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މަސައްކަތް ކުޑަކުރަން ޖެހެ އެވެ. އެގޮތުން އެގައުމުން ޔުރޭނިއަމް ފައްކާ ކުރަން ވާނީ ހަމަ އެކަނި މަދަނީ ކަންކަމަށް ބޭނުން ކުރެވޭ ވަރުގެ މަދު މިންވަރެއް ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ. އެއްބަސްވުމުގެ ދަށުން އެހެން ގައުމުތަކުން ކުރާނެ ކަމަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމެވެ.