ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިނާޔަތް ދީފައިވާކަން "މިއަދު ނޫނީ މާދަމާ" ހާމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ޑރ. ޖަމީލް ރައްޔިތުންނަށް އާންމު ކުރެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަޤާމަށް ރައްޔިތުން އިންތިޚާބު ކުރި ފަރާތް ނޫން އެހެން މީހަކު ގެންނަން އެކިއެކި ގުރޫޕްތަކާއި ޙަފުލާތަކުގައި މަޖިލިސް މެމްބަރުން އަޑުއުފުލަމުން ދާއިރު، އެ މެމްބަރުންނަށް ޢިނާޔަތްތަކާއި މަންފާތައް ލިބިފައިވާކަން މިއަދު ނުވަތަ މާދަމާ ފެނިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ ޚަޒާނާގެ ގޮތުގައި ހިމެނޭ ފަޅުރަށްތަކާއި އެކިއެކި ބިންތަކާއި އެހެނިހެން މަންފާތައް ލިބިގެންދިޔަ ގޮތް ހާމަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ މަޖިލީހުގެ މެމްބަރުންނަށް އެފަދަ އިނާޔަތްތައް ލިބިފައިވާ ވާހަކަ އެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ ނައިބުރައީސް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ ޚަޒާނާ ބޭނުންކޮށް، ރައްޔިތުން ނިކަމެތިކުރާ ފަރާތްތަކުން ހަނދާންކުރަންވީ މިއަދު އެކަން ސިއްރުކުރެވުނަސް މާދަމާ ކޮންމެ މީހަކަށް ވެސް އެކަން އެނގޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ހަނދާން ކުރަންޖެހޭނީ ކޮނޑުގައި އެޅިފައިވާ ބޮޑު މައްސޫލިއްޔަތުގެ މަތިންނާއި ކުރައްވާފައިވާ ހުވާގެ މަތިންނާއި ރައްޔިތުންގެ ހައްގުތަކުގެ މަތިންނާއި ގައުމުގެ މަސްލަހަތުގެ މަތިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މަޖިލީހުގެ މެމްބަރުން އަމަލުކުރައްވާ ގޮތުން ޖަވާބުދާރީވެވަޑައިގަންނަވަންވީ ވަގުތު އަންނާނެ ކަަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ރާއްޖޭގެ ދުސްތޫރުގައި ކަނޑައަޅާފައިވާ އުސޫލަކީ ކޮންމެ މީހަކަށް ވެސް އަދި ދައުލަތުގެ ކޮންމެ ގުނަވަނަކުން ވެސް އެ ގުނަވަނަކަށް ނުވަތަ އެ މުޢައްސަސާއަކަށް ދީފައިވާ ދައުރު އަދާކުރުމެވެ. ރައްޔިތުންގެ އަތުގައި އޮންނަ ޙައްޤުތަކަކާއި ބާރުތަކެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތަކާއި ޝަރުޢީ ކޯޓުތަކުގެ ބާރުތައް ބަޔާންކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މިއަދު އެހެން ހުރިހާ ފަރާތަކަށް ލިބިފައިވާ ބާރުތަކާއި، ޙައްޤުތައް ބޭނުން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށާމަށާ އަދި އެހެން ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަށް ބޭނުންގޮތަކަށް ނިގުޅައިގަތުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރެއްގެ ގޮތުގައި ދެކޭކަމީ މިއަދުގެ ޤަރާރުންވެސް ފެނިގެންދާކަމެކެވެ،" ނައިބު ރައީސް ގެ ބަޔާނުގައި ވެއެވެ.

ނައިބު ރައީސް މި ބަޔާން ދެއްވީ އިނިގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމުން ހުށަހަޅާ ގަރާރަށް ބަހުސްކުރުން މިއަދު މަޖިލީހުގައި އޮންނާނެއެވެ.