22 Jul 2015, 12:02
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މާލޭގައި ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މުއައްސަސާތަކާއި އާންމުންގެ ގެތަކުގައި ކުލަ ބޮކި ދިއްލުމުގެ ފޯރި މިވަނީ ވަރަށް ބޮޑުވެފަ އެވެ. ވާދަވެރިކަމާ އެކު އެއް މުއައްސަސާއަށް ވުރެ އަނެއް މުއައްސަސާގައި ދަމާ ބޮކި ފަތީގެ ޑިޒައިން ތަފާތުވެ ހިތްގައިމު ދިއްލުންތަކެއް މާލޭގެ ގިނަ ސަރަހައްދުތަކުން ދަނީ ފެންނަމުންނެވެ.
ހުކުރު މިސްކިތު ގޯތި ތެރެ މިނިވަން 50 އަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
ވާދަވެރިކަމާ އެކު ދިއްލުންތަކުގެ ޑިޒައިންތައް ގިނަވެ، ވާދަވެރިވީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފޯރީގައި ފާހަގަކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މިނިވަން 50 ކޮމިޓީ އިން މިވަނީ ބޮކި ދިއްލުން މުބާރާތެއްގެ ގޮތުގައި ހުޅުވާލައިފަ އެވެ. އެގޮތުން މިނިވަން 50ގެ އެންމެ ހިތްގައިމު ދިއްލުމަކަށް އިނާމެއްގެ ގޮތުން 50،000 ރުފިޔާ ދިނުމަށް މިނިވަން 50 ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ.
ރައީސް އޮފީސް މިނިވަން 50 އަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
މިނިވަން 50 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު 'ސަން' އަށް ވިދާޅުވީ މިިވަން 50 ގައި އެންމެ ރީތިކޮށް ދިއްލާ އިމާރާތަކުގެ މެދުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދިއްލުމުގެ މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް 50،000 ރުފިޔާ ދެވަނައަށް ދާ ފަރާތަކަށް 25،000 ރުފިޔާ އަދި ތިންވަނަ އަށް ދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިދަނީ ބޮކި ފޯރުކޮށްދެމުން ދިއްލަން ބޭނުންވާ ފަރާތްތަކަށް. އެންމެ ރީތި ޑިޒައިނަކަށް ބޮކިދިއްލާ ފަރާތްތަކަށް ބެލޭނީ މި މުބާރާތުގައި. ވާދަކުރުމުގެ ފުރުސަތު މުއައްސަސާތަކަށް އެކަންޏެއް ނޫން އާންމުކޮށް އެންމެނަށް ވެސް ވަނީ ހުޅިވާލެވިފައިއަބްދުﷲ ވިދާޅުވި އެވެ.
ވާދަވެރިކަމާ އެކު ގިނަ މުއައްސަސާތަކެއް ދަނީ ދިއްލަމުން
ސްޓެލްކޯ މިނިވަން 50 ހަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
މިނިވަން 50 އާ ގުޅިގެން ހުޅުވާލި ދިއްލުމުގެ ފުރަތަމަ މުބާރާތުގެ ފޯރި ގަދަވެފައިވާކަން މާލޭގެ އެކި ސަރަހައްދުތަކަށް ބަލާލުމުން ފެނެ އެވެ. ސަރުކާރުގެ މުއައްސާސާތަކާއި ބައެއް އަމިއްލަ ފަރުދުންގެ ގޭގެއިން ވެސް ބޮކި ދިއްލުމުގެ ހިތްގައިމު މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެއް އިމާރާތަށް ވުރެ އަނެއް އިމާރާތުގައި ދިއްލުމުގެ ބޮކި ގިނަވެފައި ޑިޒައިންތައް ވަނީ ތަފާތުވެފަ އެވެ.
ޝަރުއީ ކޯޓުތަށް ވެސް ބޮކިތަކުން ދިއްލިފައި

މިނިވަން 50 ހަށް މާލޭގެ މަގުތަށް ދިއްލާފައި -- ފޮޓޯ -- ފަޔާޒު މޫސާ
މިނިވަން 50 އާ ގުޅިގެން ހުޅުވާލީ ދިއްލުގެ މުބާރާތުގައި ސުޕްރީމް ކޯޓުން ވެސް ވަނީ ބައިވެރިވެފަ އެވެ. ސުޕްރީމް ކޯޓުން ބޮކި ހަރުކޮށް އަދި ވެސް ނުނިމޭ އިރު، މިހާރު ވެސް މުޅި އެ ސަރަހައްދު ވިދާލާފައި ވަނީ ސުޕްރީމް ކޯޓުގައި ދިއްލާފައި ހުރި ބޮކިތަކުންނެވެ. އެ ބޮޑު އިމާރާތުން ފާރުގެ ތިރިން މައްޗަށް ފާރު ނިވާ ވަރަށް ބޮކިފަތި ދަމާފައި ހުރި އިރު ކޯޓު ތެރޭގައި ހުރި ބައެއް ބިޔަ ގަސްތަކާއި ގޭޓް ވެސް ވަނީ ބޮކިތަކުން ފުރާލާފަ އެވެ.
އޭގެ އިތުރުން ހައިކޯޓާއި ސިވިލް ކޯޓު ވެސް ވަނީ ބޮކިފަތިން ޒީނަތްތެރިކޮށްފަ އެވެ. އެދެ ކޯޓުގައި ވެސް އާދަޔާ ހިލާފަށް ބޮކި ގިނަކަން ފާހަގަކުރެވެ އެވެ. އެގޮތުން ފާރުގެ ތިރިން މައްޗަށް ކައިރި ކައިރީގައި ބޮކިފަތި ދަމާ ފާރު ޒީނަތްތެރިކޮށްފައިވެ އެވެ. އެ ދެ ކޯޓުގައި ވެސް ބޮކިފަަތި ދަމާފައި ހުރީ އެއްޑިޒައިނަކަށެވެ.
ގިނަބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ ސުނާމީ ބިނާ

ސުނާމީ ބިނާ މިނިވަން 50 ހަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
މިހާރު ސޯޝިއަލް މީޑިއާގައި ވެސް ގިނަ ބަޔަކު އާންމު ކުރަމުންދާ ފޮޓޯއަކީ ސުނާމީ ބިނާގެ ފޮޓޯ އެވެ. ހައުސިންގް މިނިސްޓްރީގެ ފަރާތުން ބަލަހައްޓާ ސުނާމީ ބިނާ ވެސް ވަނީ ހިތްގައިމު ގޮތަކަށް ދިއްލާފަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު ހިނިގި ހިތާމަވެރި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި ކޮންމެ މީހަކަށް ދަނޑިއެއް ހަދާފައިވާ އިރު އެއިން ކޮންމެ ދަނޑިއެއް ވަނީ ނޫކުލައިގެ ބޮކިން ދިއްލާފަ އެވެ. އަދި 26 އަތޮޅު ރަމްޒުކޮށްދޭ 26 ބޮޅު ފެހި ކުލައިން ދިއްލާފައި ހުރި އިރު ދުރުން ބަލާލުމުން ހިތްގައިމުގޮތެއް ހުރެ އެވެ.
މުލިއާގެ - ތަފާތު ޑިޒައިނެއްގެ ދިއްލުމެއް

މުލިއާގެ މިނިވަން 50 ހަށް ދިއްލާފައި - ފޮޓޯ -- ފަޔާޒު މޫސާ
މިހާރު މާލޭގައި ދިއްލާފައިވާ އިމާރާތްތަކަށް ބަލާ އިރު އެންމެ ތަފާތު ޑިޒައިނަކަށް ދިއްލާފައި ހުރީ ރައީސްގެ ގެކޮޅު މުލިއާގެ އެވެ. އެގޭގެ ފާރު ވެސް ތަފާތު ޑިޒައިނަކަށް ދިއްލާފައި ހުރި އިރު، ދަގަނޑުން ހަދާފައިވާ ގޭޓްގެ ކޮންމެ ދަނގަޑެއް ވަކި ޑިޒައިނަކުން ވަނީ ދިއްލައިފަ އެވެ. ބަލާލުމުން ތަފާތުކަމެއް ފެނިގެންދެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގަހެއްގައި ކުލަ ބޮކި
ރައްޔިތުންގެ މަޖިލިސް މިނިވަން 50 އަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
މިނިވަން 50ގެ ހިތްގައިމު ދިއްލުންތަކުގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ދިއްލުން ވެސް ފާހަގަކޮށްލެވެ އެވެ. މަޖިލީހުގެ ބޭރު ފާރު ވެސް، ފާރުގައި ހަދާފައި ހުރި ޑިޒައިން ފާޅުވާ ގޮތަށް ދިއްލާފައި ހުރި އިރު، މަޖިލީސް ކުރާގޭގެ ގޯތީގައި ހުރި ގަސްތަކުގެ ތެރެއިން ވަކިގަހެއް ބާކީ ނުވާ ގޮތަށް ހުރހާ ގަހެއް ވަނީ ކުލަބޮކިން ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ބިންމަތީގައި ހުރި ވިނަތަކުގައި ވެސް ވަނީ ކުލަ ބޮކި ހަަރުކޮށްފަ އެވެ.
ފުލުހުންނާއި ސިފައިންގެ އިމާރާތްތައް ވެސް ވަނީ ދިއްލާފައި
ހުކުރު މިސްކިތު ގޯތި މިނިވަން 50 ހަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
ފުލުހުންނާއި ސިފައިންގެ ގިނަ އިމާރާތްތަކެއް ވެސް ވަނީ މިނިވަން 50 ގެ ކުލަބޮކިން ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ފުލުހުސް ހެޑް ކުއާޓާސް އާއި އިސްކަންދަރު ކޮށި އަދި ވަކި ވަކި ޕޮލިސް ސްޓޭޝަންތަށް ދިއްލާފައިވާ އިރު، ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮށި އަދި ސެނަހިޔާ ޖޮސްޕިޓަލް ވެސް ވަނީ ކުލަބޮކިން ޒީނަތްތެރިކޮށްފަ އެވެ.
ރައީސް އޮފީސް - މުޅި އިމާރާތް ވަނީ ދިއްލާފައި
ރައީސް އޮފީސް މިނިވަން 50 އަށް ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ
ދިއްލުންތަލުގެ ތެރެއިން ރައީސް އޮފީހުގެ ދިއްލުމަކީ ވެސް ފާހަގަކޮށްލެވޭ ދިއްލުމެކެވެ. އިމާރާތުގެ ވަށައިގެން އެއްކޮޅުން އަނެއްކޮޅަށް ކުލަ ބޮކިން ޒީނަތްތެރިކޮށްފައިވާ އިރު ރައީސް އޮފީހުގައި އިންދާފައި ހުރި ގަސްތައް ވެސް ވަނީ ކުލަބޮކިތަކުން ދިއްލާލާފަ އެވެ.
" އެއްވަނައަށް ދާ ފަރާތަކަށް ރަން އަންގި، ދެވަނައަށް ދާ ފަރާތަކަށް ރިހި އަންގި އަދި ތިންވަތަށްދާ ފަރާތަކަށް މިނިވަން 50 ލޯގޯ ވެސް ލިބިގެންދާނެ. އަންގި މިދެނީ މަސައްކަތް ތެރިކަމާ ގުޅުވާލާފައި."އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

އެމްޑަބްލިއު އެސްސީ މިނިވަން ފަންސާހަށް ދިއްލާފައި -- ފޮޓޯ -- ފަޔާޒު މޫސާ
އެ ތަންތަނުގެ އިރުން ބައެއް ސްކޫލުތަކާއި ފިނޭންސް މިނިސްޓްރީ އެސްޓީއޯ، ސްޓެލްކޯ، ފޮރިން މިނިސްޓްރީ، ދިވެހި ރާއްޖޭގެ އަޑު، އެމްޓީސީސީ، އެމްޑަބުލިއުއެސްސީ އަދި ވެލާނާގެ ވެސް ބޮކި ދިއްލުމުގައި ފާހަގަކޮށްލެވެ އެވެ. ކޮންމެ އިމާރާތަކަށް ވެސް އާންމުންގެ ތަފާތު ފާޑުކިޔުންތައް އަމާޒުވެގެން ދާއިރު، މި ވާދަވެރި މުބާރާތުން، އަދި ބޮކި ދިއްލުމުގެ ފުރަތަމަ މުބާރާތުގެ ފަހުރުވެރި ވަނަތައް ހާސިލް ކުރާނީ ކޮން ބައެއްކަން އެނގޭނީ މިނިވަން ދުވަހު ބޭއްވޭ ހާއްސަ ހަފްލާއެއްގަ އެވެ.