20 Jul 2015, 23:29
މިދިޔަ ރޯދަ މަހު އުމްރާއަށް ގޮސްފައިވާ މީހުންގެ ތެރެއިން ރާއްޖެ އެނބުރި އައި އެއްވެސް މީހެއްގެ ހަށިގަނޑުން ނުރައްކާތެރި ހުމެއް ނުވަތަ ރޯގާއެއް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފިއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން ތަސްލީމާ އުސްމާން ވިދާޅުވީ، އުމްރާ އިން އައި މީހެއްގެ ކިބައިން ނުރައްކާތެރި ހުމެއް ނުވަތަ ރޯގާއެއް ހުރިތޯ ބެލުމަށް ވޭތުވެ ދިޔަ ހަތަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗުގައި ޓެސްޓުތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ހަތަރުވަރަކަށް ދުވަހުގެތެރޭގައި އުމްރާއިން އައިސްފައިވާ 500 އަށްވުރެ ގިނަ މީހުންގެ ތެރެއިން 165 މީހުން ވަނީ ނުރައްކާތެރި ބައްޔެއް ކަމަށްވާ މާސް ބަލީގެ އަލާމާތެއް ހުރިތޯ ޓެސްޓުކޮށްފައި ކަމަށް ތަސްލީމާ ވިދާޅުވިއެވެ.
ޓެސްޓު ކުރި އެއްވެސް މީހެއްގެ ހަށިގަނޑުން މާސްއަށް ޕޮޒިޓިވްވާ ފަދަ އަލާމާތެއް ފެނިފައި ނުވި ނަމަވެސް ދެމީހަކު އޮބްޒަވޭޝަންގައި ބައިތިއްބާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދެމީހުން އޮބްޒަވޭޝަން ގައި ބައިތިއްބާފައި ވަނީ ރޯގާއާއި ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އުމްރާއަށް ދިޔަ މީހުން އެނބުރި ރާއްޖެ އައުމާ އެކު އެއާޕޯޓްގައި އެ މީހުން ސްކްރީން ކުރުމާއި، ކަންތައްތައް ކުރަންވީ ގޮތުގެ މައުލޫމާތު ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއިން 1،300 އަށްވުރެ ގިނަ މީހުން ވަނީ އުމްރާއަށް ގޮސްފައެވެ.