ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ނައިބު ރައީސްކަމުން ޑރ. ޖަމީލު ވަކި ކުރުމަށް ފެންނަ ކަމަށް ވޯޓު ދިނުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނައިބު ރައީސް ޖަމީލު މަގާމުން ވަކި ކުރެއްވުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކަށް އިތުބާރު ނުކުރެވޭ މައްސަލަ އަކީ އެމްޑީޕީގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން އެންގުމުގެ ގޮތުން ނައިބު ރައީސް ޖަމީލަށް މަޖިލީހުން ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވާފަ އެވެ.

ެއެ މައްސަލާގައި ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކަމަށް ނައިބު ރައީސް ޖަމީލްގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

އެހެންނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ނައިބު ރައީސް ޖަމީލުގެ ބަދަލުގައި ގާނޫނީ ވަކީލަކަށް މަޖިލީހުގައި ޖަވާބުދާރީ ނުވެވޭނެ ކަމަށް އަންގާފައެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ސޮއިކުރައްވައި ޖަމީލްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދަށް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ޖެހޭނީ ސީދާ ނައިބު ރައީސް ޑރ. ޖަމީލް ކަމަށެވެ.

އެކަން އެގޮތަށް އަންގާފައި ވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)އާ ހަވާލާދީ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރައްވައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެމަގާމަށް އައްޔަން ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ނައިބު ރައީސް ޖަމީލަށް އެމަނިކުފާނުގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުތައް ޕީޕީއެމް، އެމްޑީއޭ ޕަލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.