މިނިވަން 50 އާ ގުޅިގެން "ރަންޔޫބިލް ބަހުސެއް" ދިވެހިބަހުގެ އެކަޑަމީން މިރޭ ބާއްވައިފި އެވެ.

ދައުލަތުގެ ޓީވީ ސްޓޭޝަން "ޓީވީއެމް" ގައި މިރޭ އޮތް ބަހުސް ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި ދައުލަތުގެ ބައެއް ވަޒީރުން ވެސް މި ބަހުސް ބައްލަވާލެއްވުމަށް ވަޑައިގަތެވެ.

ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ "ދިވެހިރާއްޖޭގެ މިނިވަން ކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެ ކުޑަ ގައުމަކަށްވުމެވެ" އެ މައުޟޫގެ ދަށުން ނެވެ.

މިރޭ ބޭއްވި މިނިވަން 50ގެ "ރަންޔޫބިލް ބަހުސް"ގެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ފަނޑިޔާރުކަން ކުރުމެއް ނެތެވެ.

"މީ ހަމަ ހޭލުންތެރިކުރުވާ މިބާވަތުގެ ކަންކަމަށް ޒުވާނުން ޝައުގުވެރިކުރުވާ ގައުމުގެ ކަންކަމާއި މެދު ޒުވާނުން ވެސް ވިސްނާ އަދި ރައްޔިތުންނަށް ވެސް އެކަމުގެ ހެޔޮ ރަނގަޅު މައުލޫމާތު ދިނުމަށް ބާއްވާ ބަހުސެއް،" ދިވެހިބަހުގެ އެކަޑަމީ ރައީސް އަޝްރަފު އަލީ ވިދާޅުވިއެވެ.

ގައުމާއި މެދު ޒުވާނުންގެ ޚިޔާލާއި ފިކުރު ހުރި ގޮތް ވެސް ހާމަވާން ޖެހޭ ކަަމަށާއި އެ ފުރުސަތު މި ބަހުސުން ކޮންމެވެސް ވަރަކަށް ލިބިގެންދާނެ ކަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބަހުގެ އެކަޑަމީން ވަނީ ޚާއްސަ ދުވަސްތަކާއި ގުޅިގެން ބަހުސްތައް ބާއްވާފައެވެ.