މިނިވަން ފަންސާސް އާއި ގުޅިގެން ބަހުސް އެއް މިރޭ ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވެއްޖެއެވެ.

'ސަން' އާއި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ އެ ބަހުސް ކުރާ މައުޟޫއަކީ " ދިވެހި ރާއްޖޭގެ މިނިވަންކަމަށް ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުމަކީ ދިވެހި ރާއްޖެ ކުޑަ ގައުމަކަށް ވުމެވެ" އެ މައުޟޫއަށް ކަމަށެވެ.

ގައުމީ ބަހުސް މުބާރަތްތަކުގައި ބަހުސްކޮށްފައިވާ ޒުވާން ބަހުސްތެރިންގެ ދެ ޓީމްގެ މެދުގައި މިރޭ އޮންނަ ބަހުސް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަަބުދުﷲ ޔާމީނު އަބްދުލް ގައްޔޫމު ކަަމަށް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފައެވެ. ބަހުސްގެ ޓީމެއްގަ ހަތަރު ބައިވެރިން ހިމެނެއެވެ. މި ބަހުސްގައި ފަނޑިޔާރުކަން ކުރުމެއް ނޯންނާނެ ކަަމަށް އަޝްރަފު ވިދާޅުވިއެވެ.

" މީ ހަމަ ހޭލުންތެރިކުރުވާ މިބާވަތުގެ ކަންކަމަށް ޒުވާނުން ޝައުގުވެރިކުރުވާ ގައުމުގެ ކަންކަމާއި މެދު ޒުވާނުން ވެސް ވިސްނާ އަދި ރައްޔިތުންނަށް ވެސް އެކަމުގެ ހެޔޮ ރަނގަޅު މައުލޫމާތު" ދިނުމަށް ބާއްވާ ބަހުސް އެއް ކަަމަށް އަޝްރަފު ވިދާޅުވިއެވެ.

ގައުމާއި މެދު ޒުވާނާއި ޚިޔާލާއި ފިކުރު ހުރި ގޮތް ވެސް ހާމަވާން ޖެހޭ ކަަމަށާއި އެ ފުރުސަތު މި ބަހުސް އިން ކޮންމެވެސް ވަރަކަށް ލިބިގެންދާނެ ކަމަށް އަޝްރަފު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބަހުގެ އެކަޑަމީން ވަނީ ޚާއްސަ ދުވަސްތަކާއި ގުޅިގެން ބަހުސްތައް ބާއްވާފައެވެ.