20 Jul 2015, 17:39
ދުނިޔެގޭ ފުޓްބޯޅައިގެ މައި އިދާރާ ފީފާ މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގައި ފުޓްބޯޅަ އެހެން ހާލަތަކަށް ގެންގޮސްދިނުމަށް ޔޫއެފާގެ ރައީސް މިޝޭލް ޕްލެޓްނީ ފީފާގެ ރައީސްކަމުގެ އިންތިޚާބުގައި ވާދަކުރުމަށް ފުޓްބޯޅައިގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ގޮވާލައިފިއެވެ.
ބީބީސީން ބުނެފައިވަނީ ޕްލެޓްނީ ފީފާގެ އިންތިޚާބުގައި ވާދަކުރުމަށް އޭނާ ނިސްބައިވާ ޔޫއެފާގެ މެންބަރު ގައުމު ތަކުންނާއި އޭޝިއާގެ ފުޓްބޯޅައިގެ އިދާރާ އޭއެފްސީގެ ބައެއް މެންބަރު ގައުމުތަކާއި ދެކުނާއި އުތުރު އެމެރިކާއަށް ނިސްބަތްވާ ބައެއް ގައުމުތަކާއި ސެންޓްރަލް އެމެރިކާއާއި ކެރީބިއަންގެ ގައުމުތަކުންވެސް ގޮވަލަމުންދާކަމަށެވެ.
ބީބީސީން ބުނީ ގިނަ ފަރާތްތަކުން ޕްލެޓްނީއަށް އެކަމަށް ގޮވާލާފައިވާއިރު މިހާތަނަށް ވަކި ގޮތެއް އޭނާ ނިންމަފައި ނުވާކަމަށެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފައިވަނީ އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒުގަދަ ބޭފުޅުންކަމުގައިވާ އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހިމް އަލްހަލީފާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ އަޙްމަދު އަލް ފަހްދު ސަބާހް ރޭ ޒިޔުރިކްގައި ޕްލެޓްނީއާ ބައްދަލު ކުރައްވައި ވާހަކަ ދެއްކެވިކަމަށެވެ.
ޔޫއެފާގެ ހަ ވަނަ ރައީސްގެ ގޮތުގައި 2007 ވަނަ އަހަރު ޔޫއެފްއާގެ ރައީސްކަމަށް އިންތިހާބުވި ޕްލެޓްނީ ވަނީ އޭނާގެ ޒައާމަތުގައި ޔޫއެފާއަށް ބޮޑެތި ކުރިއެރުން ތަކެއް ގެނެސްފައެވެ.
އެގޮތުން ޔޫއެފާ ކުލަބުތަކުގެ މެދުގައި ބާއްވާ ޔޫއެފާ ޗެމްޕިއަންސްލިގާއި ޔޫއެފާ ކަޕަށް ޒަމާނީ ބޮޑެތި ބަދަލު ތަކެއް ގެނެސް އެ ދެލީގަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ އަގުބޮޑު ލީގް ކަމުގައި ހެދިއެވެ.
އަދި ޔޫއެފާގެ ސަރަހައްދީ މުބާރާތަށް ބަދަލުތަކެއް ގެނެސް ޔޫރޯއަކީ މުޅި ދުނިޔޭގައިވެސް ވޯލްޑްކަޕަށްފަހު އެންމެ މަގުބޫލު މުބާރާތް ކަމުގައި ވެގެންދިޔައެވެ. ކުރިން ދުނިޔޭގެ އެންމެ މަޝްހޫރު ސަރަހައްދީ ފުޓްބޯޅަ މުބާރާތަކީ ދެކުނު އެމެރިކާގެ ކޮޕާ އެމެރިކާއެވެ.
ފީފާގެ އިންތިހާބު އަލުން ބާއްވަނީ މެއި މަހުގެ 29 ވަނަ ދުވަހު ފީފާގެ ރައީސްކަމަށް ހަވަނަ ދައުރަކަށް އިންތިހަބުވި ޖޯސެފް ސެޕް ބްލެޓާއަށް ކުރެވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އޭނާ އިސްތިއުފާ ދޭން ނިންމުމާ ގުޅިގެނެވެ.
ފީފާގެ އިންތިހާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް މިއަދު ފީފާގެ އެގްޒެކެޓިވް ބޯޑުން ޒިޔުރިކްގައި ހުންނަ ފިފާގެ އިދާރަގައި ބައްދަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.