20 Jul 2015, 17:17
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ބަދަލުގައި ގާނޫނީ ވަކީލަކަށް މަޖިލީހުގައި ޖަވާބުދާރީ ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އަންގައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ސޮއިކުރައްވައި ޖަމީލްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދަށް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާންޖެހޭނީ ސިދާ ނައިބު ރައީސް ޑރ. ޖަމީލް ކަމަށެވެ.
ނައިބު ރައީސްގެ ބަދަލުގައި ވަކީލަކަށް މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަށް އަންގަވާފައި ވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ)އާ ހަވާލާދީ އެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާ
(ހ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.
އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން.
- ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުގައި ހުރެ، ކުރުން އެކަށީގެން ނުވާފަދަ ކަމެއް ކުރުން.
- ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން.
(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ، ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 1/3 ބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުމަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ އެ މަޖިލީހުން ހަވާލުކުރެވިދާނެ އެވެ.
(ރ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާމެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު، ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެން ވެއެވެ. އަދި ގާނޫނީ ވަކީލުން ބޭނުންކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެން ވެއެވެ.
މަޖިލީހުގެ ސިޓީގައި ވަނީ ނައިބު ރައީސް ޑރ. ޖަމީލް މަޖިލީހަށް ވަޑައިގަންނަވާއިރު އަރިހުގައި ގާނޫނީ ވަކީލަކަށް ވަޑައިގެންނެވިދާނެ ކަމަށެވެ.
ނައިބު ރައީސް ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާ އަށެވެ.