20 Jul 2015, 16:58
ވޮޝިންޓަން (ޖުލައި 20) : ފަންސާސް ހަތަރު އަހަރުގެ ދިގުލީ ހަތުރުވެރިކަމަކަށްފަހު އެމެރިކާއިން ކިޔުބާއާ އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށްފިއެވެ.
އެ ގުޅުންތަކާއެކު ދެ ގައުމުންކުރެ ކޮންމެ ގައުމެއްގެ ވެރިރަށުގައި ވެސް އަނެއް ގައުމުގެ އެންބަސީއެއް މިއަދު ހުޅުވާނެ އެވެ. މިކަން އިޢްލާން ކުރީ އެމެރިކާގެ ޚާރިޖިއްޔާއިންނާއި ކިޔުބާގެ ޚާރިޖިއްޔާއިންނެވެ. މި މުނާސަބަތާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ކިއުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް މިއަދު ބައްދަލު ކުރައްވާނެކަން ވެސް ދެ ގައުމުގެ ޚާރިޖިއްޔާއިން ވަނީ އިޢްލާންކޮށްފަ އެވެ.
އެމެރިކާ އާއި ކިޔުބާގެ ގުޅުންތައް ގޯސްވެ އެންމެ ފަހުން އެ ގުޅުންތައް ކެނޑިގެން ދިޔައީ ކިޔުބާގެ ވެރިއަކަށް ހުންނެވި އެމެރިކާއަށް ތާއީދުކުރައްވާ ކިޔުބާގެ ޑިކްޓޭޓަރު ފުލްގެންސިއޯ ބަޓިސްޓާގެ ވެރިކަން ރައްޔިތުންގެ އިންގިލާބެއްގައި ވެއްޓިގެން ދިޔުމާއެކު އެމެރިކާއާ އިދިކޮޅު ވާތުފިޔައިގެ ލީޑަރެއްކަމަށްވާ ޑރ. ފިޑެލް ކާސްޓްރޯ ކިޔުބާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ބަޓިސްޓާގެ ވެރިކަން ވައްޓާލުމަށް ފިޑެލްކާސްޓްރޯ ރައްޔިތުންގެ އެހީއާއެކު ހަ އަހަރުވަންދެން މަސައްކަތްކުރެއްވި އެވެ. އެއީ 1953 އިން 1959 އަށެވެ. އެ މަސައްކަތާއެކު ބަޓިސްޓާ ގައުމުން ބޭރުވެ ވަޑައިގަތުމާއެކު 1959 ގައި ކިޔުބާގެ ވެރިކަމާ ފުރަތަމަ ހަވާލުވެވަޑައިގަތީ މަނުއަލްއުރުތާލިޔޯއެވެ. އަދި އެއަށްފަހު ފިޑެލްކާސްޓްރޯ ކިޔުބާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިއެވެ. މިއާއެކު ކިޔުބާގެ ހަގީގީ ވެރިއަކަށް ވެވަޑައިގަތީ ކާސްޓްރޯއެވެ.
ކިޔުބާ އާއި އެމެރިކާގެ ގުޅުންތައް އެންމެ ބޮޑަށް ގޯސްވެ އެމެރިކާގެ އެއްނަންބަރު ދުޝްމަނެއްގެ ގޮތުގައި ކިޔުބާ ވެގެންދިޔައީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ނިއުކްލިޔަރ މިސައިލް ތަކެއް ކިޔުބާގައި ރުކުރުވާލުމާ ގުޅިގެންނެވެ. ކިޔުބަން މިސައިލް ކްރައިސިސްގެ ނަމުން މަޝްހޫރުވި މިމައްސަލަ ފެންމަތިވީ 1962 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ގާތްގަނޑަކަށް 15 ދުވަހުގެ މި މައްސަލައާ ގުޅިގެން އެމެރިކާ އާއި ރަޝިޔާއާ ދެމެދު ތިންވަނަ ބޮޑުހަނގުރާމައެއް އުފެދުމުގެ ފުރްސަތު ބޮޑުވެގެންދިޔައެވެ. ނަމަވެސް ދެފަރާތުން ވެސް ދޫދީގެން 28 އޮކްޓޯބަރ 1962 ގައި މިމައްސަލަ ޙައްލުވެގެން ދިޔައެވެ. އެއީ ޝަރުތުތަކަކާއެކު ސޮވިއެޓް ޔުނިޔަންގެ މިސައިލްތައް ކިޔުބާއިން ބާލާ ގޮތަށެވެ. ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން ކިޔުބާއަށް އިސްވެ ޙަމަލާނުދިނުން ހިމެނުނެވެ.
އެމެރިކާއިން ކިޔުބާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށީ 1960 ވަނަ އަހަރުން ފެށިގެންނެވެ. އެ އަށްފަހު އަހަރުން އަހަރަށް އެމެރިކާ ގެންދިޔައީ ކިޔުބާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމު ހިސާރު ކުރަމުންނެވެ. އަދި ކިޔުބާގެ ވެރިކަމުގެ ނިޒާމް އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ކިޔުބާގެ ރައީސް ފިޑެލްކާސްޓްރޯ އަވަހާރަކޮށްލުމަށް ވެސް އެތަށްފަހަރަކު އެމެރިކާ މަސައްކަތް ކުރިއެވެ. މިމަސައްކަތް އެއްވެސް ވަރަކަށް އެމެރިކާއަށް ކާމިޔާބު ވެފައެއް ނުވެއެވެ.
1960 ވަނަ އަހަރުން ފެށިގެން އެމެރިކާ އަޅަން ފެށި ދަތިކުރުމުގެ ފިޔަވަޅުތައް މިއަދާހަމައަށް ވެސް އަދި ދެމިއެބައޮތެވެ. ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އެ ފިޔަވަޅުތަކަކީ ޒަމާން ފާއިތުވެފައިވާ ބޭކާރު ފިޔަވަޅުތަކެއް ކަމަށް ސިފަކުރައްވައި އެ ފިޔަވަޅުތައް ނައްތާލުމަށް ކޮންގްރެސް އަށް ހުށަހެޅުއްވުމަށް މިހާރު އޮބާމާ ވަނީ ނިންމަވާފަ އެވެ.
އެމެރިކާ އާއި ކިއުބާގެ ގުޅުން ރަނގަޅު ކުރުމުގެ މަރުހަލާ ފެށުނީ މިދިޔަ ޑިސެމްބަރު މަހު 17 ވަނަ ދުވަހުއެވެ. އެދުވަހު އެމެރިކާގެ ރައީސް ބަރަކް އޮބާވަނީ ޒަމާނުއްސުރެ ކިޔުބާއާމެދު އެމެރިކާ ގެންގުޅުނު ހަތުރުވެރި ސިޔާސަތުތައް ދޫކުރައްވައި ކިޔުބާއާ ސުލްހަވުމަށް ނިންމެވިކަން އިއްލާން ކުރައްވާފައެވެ. މިއާއެކު ކިއުބާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެލަން ގްރޮސް، ކިޔުބާއިން މިނިވަން ކުރިއެވެ. އޭގެ ބަދަލެއްގެ ގޮތުން، ޖާސޫސް ކުރުމުގެ ކުށުގައި، ފްލޮރިޑާގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ކިއުބާގެ ތިން މީހަކުވެސް އެމެރިކާއިން މިނިވަންކުރިއެވެ. އަދި މިއަހަރު އެމެރިކާގެ ރައީސް އާއި ކިޔުބާގެ ރައީސް ވަނީ ޕެނަމާގައި ބައްދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)