20 Jul 2015, 15:30
ގައުމީ އެއާލައިން މޯލްޑިވިއަން އިން އާ މަތިންދާ ބޯޓެއް އަންނަ އޮކްޓޯބަރު ގެންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
މޯލްޑިވިއަންގެ ބޯޓްތައް އޮޕަރޭޓްކުރާ އައިލެންޑްއޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު 'ސަން' އަށް ވިދާޅުވީ އަލަށް ގެންނަ ބޯޓަކީ މިހާރު ވެސް އެ އެއާލައިނުން ބޭނުންކުރާ ކަހަލަ ޑޭޝް 8 ގެ 50 ސީޓްގެ ބޯޓެއް ކަމަށެވެ.
"މި ބޯޓު ގެނެސްފައި އަޅުގަނޑުމެން އެބަ ބަލަން ސީޕްލޭނެއް ވެސް ގެނެވޭނެތޯ،" ނަޝާތު ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ އެއާޕޯޓްތައް ގިނަވަމުންދާ ވަރަކަށް އެ އެއާލައިނުގެ ދަތުރުތައް ގިނަވަމުންދާ ކަމަށާއި އެހެންކަމުން އާ ބޯޓު ގެނައުމުން މިހާރު ހުރި ބޯޓްތަކަށް ބާރު ކުޑަވާނެ ކަަމަށެވެ.
"އެއާކްރާފްޓްތައް މެއިންޓެނެންސް ކުރުމަށްވެސް އިތުރު ވަގުތު ލިބޭނެ. އެހެންވީމަ މީތިން [އާ ބޯޓު] ގެ ސަބަބުން ވަރަށް ބައިވަރު ފަސޭހަތައް ލިބޭނެ،" ނަޝާތު ވިދާޅުވިއެވެ.
މޯލްޑިވިއަން ގައި މިހާރު ނުވަ މަތިންދާ ބޯޓާއި ހަ ސީޕްލޭން އޮވެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ 152 ގޮނޑީގެ ބޯޓެއް ހިމެނެއެވެ.