20 Jul 2015, 15:01
ރައްޔިތުންގެ މަޖިލީޙަށް ހާއްސަ ޗެނަލެއް ޕަބުލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އުފެއްދުމަށް ނިންމައިފި އެވެ.
ޕީއެސްއެމްގެ އިންފޮމޭޝަން އޮފިސަރު އަބްދުﷲ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގައި ބާއްވާ ކޮމިޓީތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގޮތުން މަޖިލީހަށް ހާއްސަ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގާތްގަނޑަކަށް ހުރިހާ ކަމެއް ވަނީ ނިމިފައި މިހާރު. ދެން ބުރޯޑުކާސްޓިން ކޮމިޝަނުން ލައިސަންސް ހަމަ ލިބުމާ އެކީ އަޅުގަނޑުމެން މަޖިލިސް ޗެނަލް ފަށާނަން،" ރަމީޒު ވިދާޅުވި އެވެ.
"ސަން" އެނގިފައިވާ ގޮތުގައި މަޖިލިސް ޗެނަލް ލޯންޗު ކުރުން އޮތީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.
ރަމީޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެއް ކަމަށާއި އެތަނުގައި ކުރާ މަސައްކަތްތައް ރައްޔިތުންނަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ޕަބްލިކު ސާވިސް ބުރޯޑުކާސްޓަރު. އެހެންވީމާ ރައްޔިތުންނަށް އެނގެން ޖެހޭ ރައްޔިތުންނާ ގުޅުން ހުރި ކަންކަން އަންގައިދިނުމަކީ އަޅުގަނޑުމެންގެ [ޕީއެސްއެމް] ގެ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގޮތުން އަޅުގަނޑުމެން އެފަދަ ޗެނަލެއް ހުޅުވަނީ." ރަމީޒު ވިދާޅުވި އެވެ.
ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ ޓީވީއެމް އަކީ މިހާރު ރާއްޖޭގައި އެންމެ ދުވަސްވީ ޓީވީ ޗެނަލެވެ. އެޗެނަލް ހިންގަމުން އަންނަތާ 37 އަހަރު ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ ބިލުގައިވާ ގޮތުން ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ކުޅިވަރު ޗެނަލެއް ވެސް އުފައްދަން ޖެހެ އެވެ. އެހެންނަމަވެސް އެ ގާނޫނު އަދި އޮތީ ކޮމިޓީ މަރުހަލާގައި އެވެ.