ހަމަ ހަމަ އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ބުރުންޑީގެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވާން އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

އެ ގައުމުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޑޮމެއިން ދައިޒެއީ އަދި ސިލްވެސްޓަރ ތިބަންޓުންގަޔާގެ އިތުރުން ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖީން މިނާނީ ސޮއިކުރައްވައި ބުރުންޑީ އިލެކްޝަންސް ކޮމިޝަނަށް މިދިއަ ހޮނިހިރު ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ގައުމުގެ ސިޔާސީ މަސްރަހު ހުރި ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ބުރުންޑީގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ޕޭރީ ކުރުންޒީޒާ ވެސް ވާދަކުރައްވަ އެވެ. ދެހާސްފަސް ވަނަ އަހަރުން ފެށިގެން ބުރުންޑީގެ ރައީސްގެ މަގާމުގައި ހުއްނެވި ޕޭރީ ތިން ވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާނު ކުރި ހިސާބުން ވެސް އެ ގައުމުގައި ވަނީ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ.

ބުރުންޑީގެ ގާނޫނު އަސާސީ ބުނާ ގޮތުން އެކަކަށް ދެ ދައުރަށްވުރެ ގިނަ ދައުރު ރައީސްކަން ނުކުރެވޭނެ އެވެ. އެ ގާނޫނާ ހަވާލާދީ އިދިކޮޅު ފަރާތްތަކުން ބުނަނީ މިހާރުގެ ރައީސް ޕޭރީ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

ނަމަވެސް ބުރުންޑީގެ ސުޕްރީމް ކޯޓުން ޕޭރީގެ ނިންމުމަށް ތާއީދުކޮށް ނެރިފައިވާ ހުކުމެއްގައި ބުނެފައި ވަނީ އޭނާ ފުރަތަމަ ދައުރަކަށް އިންތިހާބުކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުން ކަމަށާއި، އާންމު އިންތިހާބަކުން ނޫން ކަމަށެވެ. އެހެންކަމުން އަދި އެއް ދައުރު ވެރިކަން ކުރުމުގެ ފުރުސަތު ޕޭރީއަށް ލިބިގެންވާ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ޕޭރީއަށް ގާނޫނުގެ ދަށުން ލިބުނު ދެ ދައުރު ވެރިކަން ފުރިހަމަ ކުރުމަށް ފަހު ދެން ދުރަށްދާން ޖެހޭ ކަމަށެވެ.

ބުރުންޑީގެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު އެފްރިކާގެ މެއިލް ގާޑިއަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމައި ފޮނުވި ސިޓީ ހޮނިހިރު ދުވަހު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭރު ހުރިހާ ކެންޑިޑޭޓުންގެ ނަން ހިމަނައިގެން ވޯޓު ކަރުދާސްތައް ޗާޕުކޮށްފައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންތިހާބު ބޭވުމާމެދު އިލެކްޝަންސް ކޮމިޝަނުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.