20 Jul 2015, 14:09
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ފާހަގަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ހޮނިހިރު ދުވަހު ކުލަގަދަ ހަފުލާއެއް ބޭއްވި ކަމަށެވެ. ބެއިޖިންގައި ހުންނަ މަޝްހޫރު ހޮޓަލެއްކަމަށްވާ ލެޖެންޑޭލް ހޮޓެލްގައި ހޮނިހިރު ދުވަހު ހަވީރު 6.30 އިން ރޭގަނޑު 9.00 އަށް ބޭއްވި އެހަފުލާގައި ޗައިނާ ސަރުކާރުގެ ބައެއް އިއްޒަތްރިންނާއި އެގައުމުގެ ވިޔަފާރިވެރިންނާއި ބެއިޖިންގައި ތިއްބަވާ އެހެން ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ފައިޞަލް އެހަފުލާގައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިޔާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމު ކަމަށާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާރެއްކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ގޮތުން މިނިވަންވެ އިގުތިސާދީ ގޮތުން ފުދުންތެރި ޤައުމަކަށް ވިޔަސް އިގުތިސާދީ ބިންގާ ފުޅާކުރުމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ޒުވާން އާބާދީއަށް ވަޒީފާއާއި އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރައީސް ޔާމީން "އިޤްތިޞާދި އެޖެންޑާ" އެއް ކުރިޔަށް ނެރުއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެއީ ކަމަށް ވެސް ވިދާޅުވިއެވެ. ސިޔާސީ މިނިވަން ކަމާއެކު އިގުތިސާދީ ފުދުންތެރިކަމާއި މިނިވަންކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށް ދެއްވުމަށް ރައީސް ޔާމީން ފައްޓަވާފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ބޭރުގެ "އިންވެސްޓްމަންޓް"ތައް ގެނައުމަށް ފެށިފައިވާ މަސައްކަތްތަކަށް ވެސް ސަފީރުގެ ވާހަކަފުޅުގައި އަލި އަޅުއްވާ ލެއްވި އެވެ. އަދި އެ މަސައްކަތްތަކާއި ޗައިނާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި ޗައިނާ ސަރުކާރަށް، ސަފީރު ފައިޞަލް ޝުކުރު އަދާކުރެއްވި އެވެ.