20 Jul 2015, 13:54
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަށް 226 މިލިއަން ރުފިޔާގެ ފައިދާއެއްވެއްޖެ އެވެ.
ބީއެމްއެލްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ކުންފުންޏަށް މި އަހަރުގެ ދެ ވަނަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށް ފަހު 115 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ އިރު ފުރަތަމަ ކުއާޓާގައި ވަނީ 110 މިލިއަން ރުފިޔާގެ ފައިދާއެއް ވެފަ އެވެ. އެހެންކަމުން ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ ވަނީ 226 މިލިއަނަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 31 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަހަރުގެ ދެ ވަނަ ކުއާޓާގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާއަކަށް ވަނީ 86 ރުފިޔާ ޖެހިފަ އެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ދޫކުރި ލޯނުގެ 47 ޕަސެންޓް އިތުރުވެފައިވާ އިރު ދެ ވަނަ ކުއާޓާގައި 100 ވަނަ ރަށުގައި ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް މާލޭގެ ހަތް ސަރަހައްދެއްގައި ފަށާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ، މާލީގޮތުން ބޭންކް ހަރުދަނާ ބިންގަލެއްގެ މަތީގައިި ދެމެހެއްޓިފައިވާ ކަމާ މެދު އުފާކުރާ ކަމަށާއި އެކަމުގެ ސަބަބުން އިތުރަށް އިންވެސްޓްކުރުމަށާއި ބޭންކު ތަރައްގީ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
"ބޭންކުން ލޯނުފޮތް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުން ބޭންކުން ލިބެން ހުރި ލޯނު ޕްރޮޑަކްޓްތައް އިތުރުކޮށް، ދިވެހި ފަރުދުންނަށާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައި." އެންޑުރޫ ވިދާޅުވި އެވެ.
ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ހޯދޭނެމަގު ފަހިކޮށްދިނުމަށް ތަފާތު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަދި ބެންކުގެ ލޯނުތައް އިތުރުވެފައިވާ ކަމަށް އެންޑުރޫ ވިދާޅުވި އެވެ.