20 Jul 2015, 15:08
ޓެލްއަވީވް (ޖުލައި 20) : އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމާއެކު ވެސް އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރާ ނަމަ އެގައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާތައް ދެވިދާނެ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު އެޝްޓަން ކާޓަރު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުން އަޑުއުފުލާ މައްސަލާގައި އިސްރާއީލު ރުއްސުމަށް އެގައުމަށް ކުރައްވާ ދަތުރުފުޅެއްގައި ކާޓަރު ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާތައް ދޭންޖެހިއްޖެ ޙާލަތެއްގައި އެކަންކުރުމަށް ނިއުކްލިޔަރ އެއްބަސްވުން ހުރަސްނާޅާ ކަމުގަ އެވެ.
"މިއެއްބަސްވުމުގެ އެންމެ ރަނގަނޅު ކަމަކީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާތައް ދޭންޖެހިއްޖެ ޙާލަތެއްގައި އެކަންކުރުމަށް މިއެއްބަސްވުން ދެކޮޅު ނުހެދުން"، ކާޓަރު ވިދާޅުވި އެވެ. މުރާސިލުން ބުނާ ގޮތުގައި މިއީ އިސްރާއީލު ރުއްސުމުގެ ގޮތުން އެމެރިކާގެ ދިފާޢީ ވަޒީރު އީރާނަށް ދެއްވި ބަހުގެ އިންޒާރެކެވެ.
އިސްރާއީލު އެންމެ ރުހޭ ކަމަކަށްވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލުމެވެ. ނަމަވެސް މިއީ އެމެރިކާއަށް ވެސް އަދި އިސްރާއީލަށް ވެސް މިކަންކޮށްގެން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމެއްނޫން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އިސްރާއީލަށް ވަޑައިގެން ވާހަކަ ދައްކަވަމުން ކާޓަރު ވިދާޅުވީ އިސްރާއީލަށް ފައިސާއާއި ހަތިޔާރު ދިނުމަށް އެމެރިކާ މަސައްކަތްކުރާނެ ކަމަށާ އިސްރާއީލުގެ ދިފާޢީ ބާރުތައް ވަރުގަދަ ކުރުމަކީ އެމެރިކާ އިސްކަންދޭ ކަމެއް ކަމުގަ އެވެ.
އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުން އަޑުއުފުލައި ޝަކުވާކުރުމުގެ ފަހަތުގައި ވަނީ އެމެރިކާ އިން އިތުރު ފައިސާގެ އެހީއާއި އަސްކަރީ ހޯދުންކަމަށް ވަނީ ބެލެވިފަ އެވެ. އަދި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ދެކޮޅުހަދާ މައްސަލަ އެގައުމަށް އިތުރު ފައިސާ އާއި ހަތިޔާރުދީ އީރާނާދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކޮށްގެން ޙައްލުކުރެވިދާނެ ކަމަށް އޮބާމާގެ ސަރުކާރުން ދެކޭކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ދިފާޢީ ވަޒީރުގެ މިދަތުރުފުޅުގައި އިސްރާއީލުގެ އިތުރުން ސައޫދީ އަރަބިޔާއަށް ވެސް ވަޑައިގެން އެގައުމު ރުއްސުމަށް ވެސް މަސައްކަތް ކުރައްވާނެ އެވެ. ސައޫދީ އަރަބިޔާއަކީ ވެސް އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ އިދިކޮޅަށް އަޑުއުފުލާ ގައުމެކެވެ. މިމައްސަލާގައި ސައޫދީ އަރަބިޔާ ރުއްސުން އިސްރާއީލު ރުއްސުމަށްވުރެ އެމެރިކާއަށް މާފަސޭހަވާނެ ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)