20 Jul 2015, 14:14
ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިއަސް އިސްތިއުފާ ދެއްވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފި އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ 50 މެމްބަރުންގެ ވޯޓުން ނެވެ. ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 20 މެމްބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްތޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރަކު އިސްތިއުފާ ދިންކަމުގައި ވިއަސް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް އެ ކައުންސިލުގައި މެމްބަރުން ތިއްބެވި ނަމަ މަގާމުން ވަކިވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަންކުރަން އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް: ފޮޓޯ/ މަޖިލިސް
އިސްލާހުގައި ބުނެފައި ވަނީ ކައުންސިލަރެއް ނުވަތަ ކައުންސިލެއްގެ ވާޖިބު އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ އެކަންކަމުގެ ސަބަބު ދެނެ ގަތުމަށްޓަކައި "އިންކުއަރީ" އެއް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރަކަށް އިހްތިޔާރު ލިބިގެންވާ ކަމަށެވެ. އަދި އެ "އިންކުއަރީ"އެއް ހަދާނީ ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން އައްޔަން ކުރާ ބައެއް ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ ކައުންސިލަކަށް ނުވަތަ ކައުންސިލަރަކުގެ މައްސަލައެއް "އިންކުއަރީ" އަށް ސާބިތުވެއްޖެ ނަމަ ނަސޭހަތް ނުވަތަ އިންޒާރު ދެވޭނެ އެވެ. ނުވަތަ ވަކި މުއްދަތަކަށް ކައުންސިލަރަކު ނުވަތަ ކައުންސިލް ސަސްޕެންޑު ކުރެވޭނެ ކަމަށާއި އެ ކައުންސިލެއްގެ ނުވަތަ ކައުންސިލަރެއްގެ އިތުބާރު ރައްޔިތުންގެ މެދުގައި އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވޯޓެއް ވެސް ނެގޭނެ އެވެ.
އެފަދަ ހާލަތެއްގައި ކައުންސިލެއް ވަކި މުއްދަތަކަށް ސަސްޕެންޑު ކޮށްފި ނަމަ އެ ކައުންސިލެއްގެ ޒިންމާ އުފުލާނީ އެލްޖީއޭގެ މަޝްވަރާގެ މަތީން ސަސްޕެންޑު ކުރި ކައުންސިލެއްގެ ޒިންމާދާރު ވެރިޔާ ކަމަށް ވެސް ވައްޑެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.