މޮރޮކޯގެ މިސްކިތެއްގައި ނަމާދަށް ތިބި ބައެއްގެ ތެރެއަށް މީދަލެއް ވަނުމުން ބިރުން އުޅުމުގެ ތެރޭގައި މިސްކިތުގައި ނަމާދަށް ތިބި މީހުންގެ ތެރެއިން 81 މީހަކު ޒަޚަމްވެއްޖެ އެވެ.

މޮރޮކޯގެ ހަސަން 2 މިސްކިތުގައި ރޯދަމަހުގެ ފަހު ދިހައިގައި ދަމުނަމާދަށް ތިއްބައި އެ ހާދިސާ ހިނގަން މެދުވެރިވީ މީދާ ފެނިގެން އަންހެނަކު ހަޅޭ ލަވައިގަތުމުން ދެން ތިބި މީހުން ބިރުން އުޅެނިކޮށް ކަމަށް މޮރޮކޯގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އަންހެނުންނާއި ފިރިހެނުން ނަމާދުކުރަން ވަކި ދެބައެއް ހުއްނަ އެ މިސްކިތުގައި އަންހެނުން ހަޅޭލަވާ އަޑަށް ބޮމުގެ ހަމަލާއެއްކަމަށް ހީކޮށް ފިރިހެނުންވެސް ވަނީ އެތަނަށް އެއްވެފަ އެވެ.

އެ ހާދިސާގައި 34 ހަތަރު މީހަކު ވަނީ ހޭނެތިގެން ވެއްޓިފަ އެވެ. އަދި ޒަޚަމްވި 81 މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވެސް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ. އޭގެތެއިން 63 މީހަކު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށް ލާފަ އެވެ.

މީދާ މިސްކިތަށް ވަދެ ހިނގި އެހާދިސާއާ ގުޅިގެން މާބަނޑު އަންހެނެއްގެ ފައިގެ ކަށިގަނޑެއްގައި ރެނދުލާފައި ވާއިރު އިތުރު ފަސް މީހެއްގެ ކަށިގަނޑަށް ގެއްލުންވެ ހަތަރު މީހެއްގެ ކޮނޑާއި ހަށިގަނޑުގެ އެކި ހިސާބަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.