20 Jul 2015, 13:17
ވޮޝިންޓަން (ޖުލައި 20): އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ހަފްތާގައި ސޮއިކުރި ނިއުކްލިއާ އެއްބަސްވުން ތަސްދީގު ނުކުރުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެމެރިކާގެ ކޮންގްރެސްއަށް ގޮވާލައްވައިފި އެވެ.
ނަތަނިޔާހޫ ވިދާޅުވީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި ނިއުކްލިއާ އެއްބަސްވުމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އީރާނަށް ލިބޭނެ އެއްބަސްވުމެއް ކަމަށާއި އެކަމުގެ ސަބަބުން އިސްރާއީލުގެ ވުޖޫދަށް ނުރައްކާވާނެ ކަމުގައެވެ. އިސްރާއީލުގެ މީޑިއާ ބުނާ ގޮތުން ނަތަނިޔާހޫ ވަނީ އެ އެއްބަސްވުމާ ދެކޮޅު ހެދުމަށް ކޮންގްރެސްގައި ހިމެނޭ އިސްރާއީލާ ރަހްމަތްތެރި މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްތިޢްމާރީ ގައުމެއްކަމަށް ވާތީ އީރާނުން އިސްރާއީލު ސިފަކުރަނީ މެދުއިރުމަތިން ނައްތާލަންޖެހޭ ކެންސަރު ސެލްއެއްގެ ގޮތުގަ އެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލު ދެމިއޮންނަ އޮތުމަށް އީރާނުން އިޢްތިރާފެއް ނުވެއެވެ.
އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ހަފްތާގައި ސޮއިކުރި ނިއުކްލިއާ އެއްބަސްވުން ކޮންގްރެސުން ތަސްދީގު ކުރުމަށްޓަކައި އޭގެ ޓެކްސްޓާއި ލިޔެކިޔުންތައް ރައީސް ބަރަކް އޮބާމާ، އިއްޔެ ވަނީ ކޮންގްރެސްއަށް ހުށަހަޅުއްވާފަ އެވެ. އެ އެއްބަސްވުން އޮބާމާގެ ސަރުކާރުން ތަންފީޒު ކުރެވޭނީ ކޮންގްރެސްއިން ތަސްދީގު ކުރުމުން ކަމަށްވާއިރު މިއެއްބަސްވުމާ ދެކޮޅަށް ކޮންގްރެސްގައި ހަރަކާތްތެރިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި ވިސްނުމުގެ މެންބަރުންނާއި އިސްރާއީލަށް ވާގިވެރިވާ މެންބަރުންނެވެ.
އެ އެއްބަސްވުން ތަސްދީގުކުރުމަށް ކޮންގްރެސްއިން ދެކޮޅު ހަދައިފިނަމަ އެއާދެކޮޅަށް ވީޓޯގެ ބޭނުންކުރައްވާނެ ކަމުގެ އިންޒާރު ރައީސް ބަރަކް އޮބާމާވަނީ ދެއްވާފަ އެވެ. އޮބާމާ ވީޓޯ ކުރައްވައިފިނަމަ އެކަން ނިގުޅައިގަތުމަށް ކޮންގްރެސްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ. މި އެއްބަސްވުމަށް ހުރަސްއެޅުމަށް މިހާގިނަ އަދަދެއްގެ މެންބަރުންގެ ތާއީދު ލިބުމުގެ ފުރުސަތު ކުޑަވާނެތީ މިއެއްބަސްވުން ތަސްދީގު ކުރެވޭވަރަށް ކޮންގްރެސްގެ ތާއީދު ލިބޭނެ ކަމަށް ބެލެވޭ ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)