ސިފައިންގެ ވެލްފެއާ ކުންފުނިން ތަރައްގީކުރަމުންދާ އުތުރުތިލަފަޅުގެ މަސައްކަތަށް ކުރިން ލަފާކުރި ވަރަށް ވުރެ އިތުރަށް 2.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އުތުރުފަޅާއި ބެހޭ ގޮތުން ކުރި ޚާއްސަ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ. އުތުރުފަޅާއި ގުޅޭ އެހެން ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕަބްލިޝްކޮށްފައި ނުވާ އެ ރިޕޯޓްގެ ކޮޕީއެއް ވަނީ "ސަން"އަށް ލިބިފަ އެވެ.

އުތުރުފަޅާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ އެންޓި ކަރަޕްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އުތުރު ތިލަފަޅު ހިއްކުމަށް ޚަރަދުވާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 2.6 މިލިއަން ރުފިޔާ

އުތުރު ތިލަފަޅު ހިއްކުމަށް ޚަރަދުވާނެ ކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ 2.6 މިލއަަން ރުފިޔާ ޚަރަދުކޮށްފައިވާ ކަަމަށާއި މަސައްކަތް ނިންމުމަށް އިތުރަށް ފަސް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓް ބުނެ އެވެ. ބިން ހިއްކުމުގެ މަސައްކަތްކޮށްފައި ވަނީ ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމެޓެޑުންނެވެ.

ހިނގާފައިވާ ޚަރަދުތޯ ނުބަލާ 1.8 މިލިއަން ރުފިޔާ ދެއްކުން

ކެއުމާއި ތެލުގެ ޚަރަދަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ން ފައިސާ ދޫކުރަމުން ގޮސްފައި ވަނީ އެ ޚަރަދުތައް ބަލާ ޗެކްކޮށްފައެއް ނޫނެވެ.

"ކެއުމާއި ތެލަށް ހިނގާނެ ކަމަށް ޚަރަދުކަމަށް ސީޕިއެސް އިން ހުށަހަޅާފައިވާ ކޯޓޭޝަނުގައި ލަފާކޮށްފައި ވަނީ 1.3 މިލިއަން ރުފިޔާ ކަމުގައިވީނަމަވެސް މި އަދަދަށް ވުރެ އިތުރަށް 1.8 މިލިއަން ރުފިޔާ ކެއުމާއި ތެލުގެ ޚަރަދުގެ ދައްކާފައިވެއެވެ."

ބިޑް ކުރުމެއް ނެތި 1.1 މިލިއަން ތަކެތި ގަންނަން ބަޔަކާ ހަވާލުކުރުން

ސިވެކާއި ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ގަނެފައިވާ ދެ ހެންގާ ގެނެފައިވާ އާއްމުކޮށް ހުޅުވާލައިގަންނެއް ނޫން ކަަމަށް ރިޕޯޓްގައިވެ އެވެ. އެ ހެންގާ ގަނެފައި ވަނީ ސިވެކާއި ޕީއެމްއޯ ޕްރައިވެޓް ލިމިޓެޑާއި ދެމެދުވި އެއްބަސްވުމެއްގެ ދަށުން 1.1 މިލިއަން ރުފިޔާ އަށް ޕީއެމްއޯ އިންނެވެ.

އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އަގު ނުހޯދައި މިސްކިތުގެ މަސައްކަތް ހަވާލުކުރުން

އުތުރު ތިލަފަޅުގައި ބިނާ ކުރި މިސްކިތަކީ އަމިއްލަ ފަރާތަކުން ދިން 1.47 މިލިއަން ރުފިޔާގެ އެހީ އަކާއި ސިވެކުން އަމިއްލަ ފައިސާ އިން 998 ހާސް ރުފިޔާ އާއި އެކު ޖުމްލަ 2.47 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ މިސްކިތުގެ ބައެއް މަސައްކަތް ނިންމަން އެމްޑަބްލިއު ކޮންސްޓަރަކްޝަނާއި ހަވާލުކޮށް 565987 ރުފިޔާ ވަނީ އެ ކުންފުންޏަށް ދައްކާފައެވެ. ނަމަވެސް އެ މަސައްކަތްތައް ކުރުމަށް އާއްމުކޮށް އިއުލާންކޮށްފައި ނުވާ ކަމަށާއި އަދި އެ މަސައްކަތްތައް ކުރުމަށް އެއްބަސްބުމެއް ވެސް ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

ޕެޓީ ކޭޝް އެކަށީގެންވާ ގޮތަށް ނުބެލެހެއްޓުން

ޕޭޓީ ކޭޝް ގޮތުގައި ކޮށްފައިވާ ބައެއް ޚަރަދުތަކުގެ އިންވޮއިސް ނެތް ކަމަށާއި އަދި ޕެޓީ ކޭޝް އިން ކޮށްފައިވާ ބައެއް ޚަރަދުތައް ޕެޓީ ކޭޝް އަށް ވައްދާފައި ނެތް ކަމަށް އެ ރިޕޯޓް ބުނެ އެވެ. ދެހާސްސާދަ ވަނަ އަހަރު އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕެޓީ ކޭޝް އިން ދޫކުރި ވައުޗާ ހުރި ނަމަވެސް އޭގެ ސަޕޯޓިން ޑޮކިއުންމެންޓް ނެތް ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސިފައިންގެ ވެލްފެއާ ކުންފުންޏަކީ ސިފައިންގެ ކޯޕަރޭޓިވްސް (ސިފްކޯ) 90 އިއްސަައްތަ ހިއްސާވާ އަދި ދިވެހި ސަރުކާރު 10 ހިއްސާވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.