20 Jul 2015, 12:53
އެމްޓީސީސީ އެކްސްޕްރެސް ލޯންޗަކާއި އެއާޕޯޓް ފެރީއެއް ޖެހި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްޓީސީސީގެ ހުޅުމާލެ ސީނިއާ މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ 8:45 ކަންހާއިރު ނެރުކައިރި މަދުކޮށްގެން އޮތް އެމްޓީސީސީގެ ލޯންޗެއްގައި އެއާޕޯޓް ފެރީއެއް ޖެހި ލޯންޗުގެ ފަހަތްކޮޅުން ބައެއް ބަނޑިވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ ލޯންޗް އޮތީ މަޑުކޮށްގެން ނެރުމަތީގައި އަޅުގަނޑުމެން ފެރީތައް ނުކުނަންދެން، ދެން އެއާޕޯޓުން އައި ފެރީއެއް ޖެހުނީ،" ނާޒިމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެއެކްސިޑެންޓުގައި މީހަކަށް ގެއްލުމެއް ނުވި ނަމަވެސް ދޯންޏަށާއި ލޯންޗަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ނެރަކީ އެއާޕޯޓް ފެރީތަކާއި ހުޅުމާލެ އާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ ފެރީ އާއި ލޯންޗްތައް ބޭނުން ކުރާ ނެރަކަށް ވުމުން ވަރަށް ބިޒީ ސަރަހައްދެއް ކަމަށެވެ.