20 Jul 2015, 12:41
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް 2008 ވަނަ އަހަރުން ފެށިގެން 15 ކުއްޖަކު މަރީލި މީހަކު އިންޑިއާގެ ނިއުދިއްލީއިން ހައްޔަރުކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ރަވިންދަރ ކުމާރު ނަމަކަށް ކިޔާ މީހަކު އިއްޔެ އިންޑިއާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ސައުތް ދިއްލީގެ ބޭގަމްޕޫރު އޭރިއާގައި ދިރިއުޅޭ ހަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގަ އެވެ.
"ޖުލައި 14 ވަނަ ދުވަހު ކުޑަކުއްޖަކު ގެއްލިގެން އަޅުގަނޑުމެނަށް ރިޕޯޓު ކުރީ، އެ މައްސަލައިގެ ތުހުމަތުގައި ރަވިންދަރ ކުމާރު ހައްޔަރު ކުރީ އިއްޔެ" ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިކްރަމްޖީތް ސިންގް ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ ތަހުގީގުގައި އޭނާ އާއި ސުވާލު ކުރުމުން ހަ އަހަރުގެ ކުއްޖާ ރޭޕްކޮށް މަރާލިކަމަށް އެއްބަސްވެފައިވާ ކަމަށާއި އަދި އެ ކުއްޖާގު އިތުރުން 14 ކުއްޖަކު ރޭޕްކޮށް މަރާލާފައި ވާނެ ކަމަށް ތަހުގީގުގައި ރަވިންދަރ ބުނެފައި ވާ ކަމަށެވެ.
މީގެ ކުރިން ވެސް ރޭޕްކުރުމުގެ ހަތް މައްސަލައެއްގެ ރިކޯޑް އޮތް ރަވިންދަރ ހައްޔަރު ކުރި އިރު އޭނާގެ ސިނކުޑީގެ ހާލަތު ރަނގަޅުކަން ފާހަގަކުރައްވައި ޑީސީޕީ ވިކްރަމް ވިދާޅުވީ ރަވިންދަރ ގެ ސިކުނޑީގައި އުނިކަމެއް ހުރިތޯ ބެލުމަށް އިތުރު ޓެސްޓުތަށް ވެސް ހަދާނެ ކަމަށެެވެ.
ފުލުހުންގެ ތަހުގީގުގައި ސުވާލުތަކަށް ޖަވާބުދެމުން ރަވިންދަރ އިތުރަށް ބުނެފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާ ރޭޕްކޮށް މަރާލި ކުދިންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ކަމަށެވެ. އަދި މީހުން ނޫޅޭ ވަކި ސަރަހައްދަކަށް ގެންގޮސް ރޭޕްކޮށް މަރާލަނީ ކަމަށް އޭނާ ފުލުހުންނަށް ބަޔާން ދީފައިވެ އެވެ.
ވޭތުވެ ދިޔަ އަހަރު ވެސް ޖިންސީގޯނާ ކުރުމުގެ މައްސަލައެއްގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.