08 Mar 2011, 16:04
ގދ. އަތޮޅު އޮފީހާއި އަތޮޅުގޭގައި ހުރި ބައެއް އެއާކޮޑިޝަންތައް މަރާމާތުކުރުމަށް ހުށަހެޅި ކޮޓޭޝަންތަކަކީ ސައްހަ ކޮޓޭޝަންތަކެއް ކަމަށް ދައްކަން އެކި މީހުންގެ ނަންނަމުގައި އޮޅުވާލައިގެން ކޯޓޭޝަންތައް ހުށަހަޅައި އެ ބިޑް ކާމިޔާބުކުރި މީހެއްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ގދ. އަތޮޅު އޮފީހާއި އަތޮޅުގޭގައި ހުރި 24 ވުރެ ގިނަ އެއާކޮންޑިޝަންތައް މަރާމާތުކުރުމަށް ތިން ފަރާތަކުން ކޮޓޭޝަން ހޯދާފައި ވީނަމަވެސް އެ ކޯޓޭޝަންތައް ހުށަހަޅާފައިވަނީ ގދ. ތިނަދޫ އާބާދު އައްސޭރި މުހަންމަދު ހަސަން ދީދީ އަމިއްލައަށް ކަމަށެވެ.
އެ ބަޔާނުގައި ހސަން ދީދީ އެ ގޮތަށް އަމަލުކޮށްފައިވަނީ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތަށް ވާދަވެރި ބީލަމެއްކަން ދެއްކުމަށް އޮޅުވާލުމުގެ ގޮތުން ކަމަށާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.46 ގެ (ހ) އާއި (ށ) ގައިވާ ކުށް ކޮށްފައިވާތީ އޭނާގެ މައްސަލަ ޕީޖީ އޮފީހަށް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައި ވާކަމަށް ބުނެފައި ވެ އެވެ.
މި މައްސަލަ އޭސީސީގެ ސަމާލު ކަމަށް ގެނައި ކަމަށް އޭސީސީން ބުނާ ފަރާތުން އޭސީއަށް މައްސަލަ ހުށަހަޅާފައި ވަނީ މި އެއާކޮންޑިންޝަންތައް ހެދުމަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.