20 Jul 2015, 13:11
ފިތުރު އީދުގެ މުނާސަބަތާ ގުޅުވައިގެން އެލައިޑް އިންޝިއުރެންސުން، ކ. ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ މީހުންނަށް އަންނައުނާއި ބެޑްޝީޓާއި ބާލީސް ފަދަ ތަކެތި ހަދިޔާ ކޮށްފި އެވެ.
އެލައިޑުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ކޮމްޕެނީގެ އީދު ހަދިޔާ މިފަހަރު ހަދިޔާ ކުރީ ގުރައިދޫގައި ހުންނަ ހާއްސައެހީ އަށް ބޭނުންވާ މަރުކަޒަށް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އީދު ހަދިޔާގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެ މަރުކަޒުގައި ތިބި 162 މީހަކަށް ބޭނުންވާ އަންނައުނާއި ބާލީހާއި ބެޑްޝީޓާއި ބާލީސް އުރަ ހަދިޔާކޮށްފައިވާ ކަމަށެވެ.
ހާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ފަރާތުން އެތަކެއްޗާ ހަވާލުވީ ސީނިއާ އެޑްމިން އޮފިސަރު ނައުޝާދު އަލީ އެވެ.
ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަނީ 125 ފިރިހެނުންނާއި 37 އަންހެނުންނެވެ.
އީދު ހަދިޔާ ހަވާލު ކުރުމަށް އެލައިޑްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ އަމީލް ވިދާޅުވި ގޮތުގައި ފިތުރު އީދާ ގުޅިގެން އެލައިޑް އިންޝިއުރެންސުން އިސްނަގައިގެން އެފަދަ އެހީއެއްވެ ދިނުމުގެ މަގުސަދަކީ ރާއްޖޭގައި އެހީއަށް ބޭނުންވެފައި ތިބި މީހުންގެ ހާއްސަކޮށް މުޖުތަމައުގެ އެހީއަށް ބޭނުންވާ އެފަދަ ފަރާތްތަކެއް މަތިން ހަނދާންކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ހަމައެއާ އެކު މާލީ ތަނަވަސްކަން ލިބިފައިވާ އިތުރު ފަރާތްތަކަށް އެފަދަ މަސައްކަތްތަކަށާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.