ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮތީ ކިހާ ގާތް ގުޅުމެއްތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީ ފުޅަށް ބަހުސް ކުރައްވަމުން މޫސަ ވިދާޅުވީ "ވަކި ބޭފުޅެއްގެ ބޮލުގައި ތާކިހާ އަޅައިގެން" އުޅުނު ޒަމާން ވަނީ މާޒީވެ ގޮސްފައި ކަމަށެވެ. އޭނާ ވިދާޅުވީ އެކި އެކި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ އަށް ކުރަމުންދާ ދުއްތުރާތަކުގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ގެއްލުންތަކާ މެދު ވިސްނާލުން މާ މުހިއްމު ކަމަށެވެ.

"ދިވެހި ރާއްޖެއަކީ ވަކި ވައްތަރެއްގެ ގައުމެއް ކަމަށް ބުނުމުން އަޅުގަނޑުމެންގެ ޓުވަރިޒަމް ހަލާކުވެގެން ދަނީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ. މުހިއްމީ ޓުވަރިޒަމްގެ ޖަމާއަތްތަކާ ގުޅުންތޯ މުހިއްމީ ދުނިޔޭގައި ނުފޮރޮއްޕާން ވެފައިވާ މީހުންނާ އެކު ކުރިއަށް ދިއުންތޯ އެއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" މޫސަ ވިދާޅުވި އެވެ.

ރައީސް ފޮނުއްވި ސިޓީފުޅަށް ތާއީދުކޮށް މިއަދު ޖަލްސާގައި މޫސަ ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ.

"ނައިބު ރައީސް ކަމުގައި ހުންނަވައިގެން މި ރާއްޖެ ކޮމަންވެލްތުން ވަކި ކުރުމަށް ޓަކައި ޖަމީލު ކުރެއްވި މަސައްކަތުގެ ސަބަބުން މި މަޖިލީހުގައި ކުރި ބަހުސް އަޅުގަނޑުމެން ދެކުނިން. މިއަދު ޖަމީލު ކޮންވާހަކައެއްތޯ ދައްކަވަން އެ އުޅެނީ،" މޫސަ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިޓީފުޅަށް ބަހުސް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ދިވެހި ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމަކުން ރާއްޖެއަށް ވުރެ ބޮޑެތި ގައުމުތަކުން ނުވަތަ ޖަމިއްޔާތަކުން ބިރުދައްކައި "ބުލީ" ކުރުމަކީ އެއްވެސް ހައިސިއްޔަތުން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން ފަހުގެ ތާރީހުގައި ކޮމަންވެލްތުން ހާއްސަ ގޮތެއްގައި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު [ސީމެގު] ދިވެހިރާއްޖެ އެ ގުރޫޕުގައި ހިމެނޭ އެކިއެކި އެޖެންޑާތަކަށް ލުމަށްފަހުގައި ދިވެހިންނަށް އެކި ގޮތް ގޮތުން ދަތި ކުރުމުގެ މަސައްކަތް ފައްޓައިގެން ދިޔަ ހިސާބު،" ނިހާނު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމައިފި ކަމަށްވާ ނަމަ އެކަމުގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ދޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮއްވައި "ބަޣާވާތެއް" ކޮށް އެ ސަރުކާރު ބަޔަކު މީހުން ވައްޓާލި ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ހިނގައި ދިޔަ ކަންތައްތައް ތަހުގީގުކޮށް ނެރުނު ރިޕޯޓުގައި ހުރި ނުކުތާތަކަށް އަމަލީ ސިފައެއް އައިސްފައި ނުވާކަމުން ދޭހަވެގެން ދިޔައީ "ކޮމަންވެލްތަކީ ދަތެއް ނެތް ބައެއް ކަމަށް" ގަބޫލު ކުރެވިގެން ދިޔަ ކަމަށެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ މާޒީއަށް ޖެހިލާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވި ބޭފުޅަކު "ބަޣާވާތެއް" ކުރުމުން އެކަމަށް ހައްލެއް ގެނެސްދިނީ ކޮމަންވެލްތު މެދުވެރިވެގެން ކަމަށެވެ.