20 Jul 2015, 11:39
މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު 30000 އަށް މަދުކުރުމުގެ ސިޔާސަތެއް ކަނޑައެޅުމަށް އެކޮޮނޮމިކް މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ މިހާރު މާލޭގައި 50000 ވަރަކަށް އުޅަނދު ދުއްވާ އިރު މާލޭގައި އެންމެ ގިނަވެގެން ދުއްވޭ އަދަދު 30000 އަށް ކޮންޓުރޯލް ކުރުމަށް ސިޔާސަތެއް ކަނޑައެޅުމަށް އެ އޮތޯރިޓީގެ މައި އިދާރާ، އިކޮނޮމިކް މިނިސްޓްރީ އަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
އެ އަދަދަށް އުޅަނދު ކޮންޓުރޯލް ކުރެވުމުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"ތިރީސް ހާސް ގެންގުޅެވުނީމާ ހުންނާނީ، އޭރުން ދައްޗެއް ނުވާނެ، ހިނގާފައި އުޅުމާއި ބަހުގެ ހިދުމަތް ފެށުމުން ވެސް ދަތިނުވާނެ، އަދި ޕާކިން ވެސް އެހާ ގޯހެއް ނުވާނެ." ނާފިޒް ވިޑާޅުވި އެވެ.
މިހާރު މާލޭގައި ދުއްވާ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި ޖާގައަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާވަރަށް އުޅަނދު ކޮންޓްރޯލް ކުރުން ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ވަނީ ވަކި ސަރަހައްދެއްގައި ނުވަތަ ވަކި ރަށެއްގައި ދުއްވޭނީ ކިތައް އުޅަނދުކަން ކަނޑައެޅުމުގެ ބާރު ލިބިދީފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ކޮށްފައެއް ނުވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު ބުރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާ އިރު ވަކި އަދަދަކަށް އުޅަނދު ކޮންޓިރޯލް ކުރެވޭނީ ވަރަށް ބޮޑު ދިރާސާތަކެއް ކުރުމަށް ފަހު ކަމަށެވެ.
"މީގެ ކުރިން އޮތްކަމެއް ނޫން މާލެ އާއި ހުޅުމާލެ އާއި ބުރިޖު މެދުވެރިކޮށް ގުޅުމަކީ، އެހެންވީމާ މިހާރު އޭރާ ސިނާރިއޯ ބަދަލުވެއްޖެ ދެއްތޯ، އެހެންވީމާ މިހާރު ޖެހޭ ވަރަށް ބޮޑަށް އޭތި މޫވްމަންޓުތައް ބަލާލަން." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު ސުޖާއު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅަށް ތަރުތީބުކޮށް ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ފުރަތަމަ ކަމަކަށް ބިމުގެ ޖާގައަށް ބަލައި މާލޭގައި އުޅަނދު ދުއްވޭ އަދަދު ލިމިޓް ކުރެވެން ޖެހެ އެވެ. ހަމައެއާ އެކު އެ އުޅަނދެއް ދުއްވޭނީ ކިތައް އަހަރަށްކަން ކަނޑައަޅަން ޖެހޭ ކަމަށް ސުޖާއު ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް 10 ސައިކަލް، ނުވަތަ ފަސް ހަ ސައިކަލް ގަނެވޭ ކަހަލަ އުސޫލެއް މިހާރު މިއޮންނަނީ. މާލޭގެ ބިމުގެ ޖާގައަށް ބަލާފައި ދުއްވޭނެ އުޅަނދުގެ އަދަދު ކަނޑައަޅަން ޖެހޭ،" ސުޖާއު ވިދާޅުވި އެވެ.
މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ މާލޭގެ މަގުތަކުގައި ދުއްވުމަށާއި ހިނގާބިނގާވެ އުޅުމުގެ އިތުރުން ވެހިކަލް ޕާކް ކުރުން ވަނީ ވަރަށް ދަތިކަމަކަށްވެފަ އެވެ.