20 Jul 2015, 10:50
ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވުމުން، އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރަން ފަށައިފި އެވެ.
މިއަދުގެ ޖަލްސާ އަށް ވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ ގުޅޭ ގޮތުން ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވާފަ އެވެ.
މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރީ އެ މައްސަލައަށް ބަހުސް ކުރެއްވުމަށް ލިބިވަޑައިގަންނަވާނީ ތިން ގަޑި އިރު ކަމަށެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުގައި ފާއިތުވެގެންދާ ދުވަސްތަކުގެ ތެރޭގައި ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތާއި ހަރަކާތްތެރިިވަމުންދާ މިންވަރު ދެނެގަތުމުގެ ގޮތުން އިތުރަށް "މުތާލިއާ" ކުރަން ޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުގައިވީ ހިނދު މިކަމުގައި މަންދޫބުންގެ މަޝްވަރާއެއް ހޯދުމަކީ މުނާސަބު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާ މިކަމުގައި ގޮތެއް ނިންމަވާ ދެއްވުން އެދެމެވެ." ރައީސް ޔާމީންގެ ސިޓީފުޅުގައިވެ އެވެ.
މަޖިލީހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަޖިލީހުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައި ވަނީ ކޮމެންވެލްތުގައި ރާއްޖެ ބައިވެރިވާ މިންވަރާ މެދު ވިސްނުމަށް ކަމަށެވެ. އަދި އެ މައްސަލައަކީ ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ މައްސަލައެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކޮމަންވެލްތުގެ ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނައި ދިވެހިންނަށް ދަތިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެ ކުޑަވުމަކީ ރާއްޖެ އަށް ފިއްތުންތައް ކުރިމަތިކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމަންވެލްތުން ވަކިވުމާ ގުޅޭ މައްސަލައެއް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހަޅާފައިވާ އިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވާ ނަމަ އޭގެ އަސަރު ޒުވާނުންނާއި އަންހެނުންނަށް އަދި ރާއްޖޭގެ އިގުސޯދަށް ވެސް ކުރާނެ ކަމަށެވެ.
ނައިބު ރައީސް ޖަމީލު ވިދާޅުވީ، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ދެކެ ރުޅި އައިސްގެން ކޮމަންވެލްތުން ވަކިވާން ރާއްޖެ އިން ނިންމާ ނަމަ އެއީ "ސަރުކާރުން ހަދާ ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.
އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުގައި ވެސް ވަނީ ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމާ މެދު މަޝްވަރާ ވެސް ކޮށްފަ އެވެ.
ހަމައެއާ އެކު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވިދާޅުވެފައި ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވާން ވިސްނަމުންދާ ކަމަށެވެ. ދުންޔާ ވިދާޅުވީ ކޮމަންވެލްތުގައި ރާއްޖޭން ބައިވެރިވެގެން އޮންނަނީ އެއީ މާއްދީ ގޮތުން މާބޮޑެތި ފައިދާތަކެއްވާ ޖަމާއަތެއް ވީމާ ނޫން ކަމަށެވެ.