20 Jul 2015, 11:11
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖައަކުން ބަލިވި ނަމަވެސް ރިއޯ ކޯޗް ބޭނުންވީ އެޓޭކިން ފުޓްބޯޅައެއް ކުޅެ ޓީމަށް ހެދޭ މިސްޓޭކްތައް ފާހަގަކޮށް ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަތުންކަމަށް ގައުމީ ޓީމްގެ އެސިސްޓޭންޓް ކޯޗް މާޔަން ބުނެފި އެވެ.
ސަންއިން ކުރި ސުވާލަކަށް ޖަވާބު ދެމުން މާޔަން ބުނީ ޓީމްގައި ރަނގަޅު ކުރަން ޖެހޭ ކަން ކަން އެބަރިކަމަށާއި މިމެޗްތައް ކުޅެ އައިއޯއައިޖީއަށް ދިއުމުގެ ކުރިން ޓީމަށް ކޮންފިޑެންސް ލިބިގެންދާނެ ކަމަށެވެ.
އޭނާ ބުނީ ޓީމްގެ ކުޅުން ގޯސް ނޫން ކަމަށާއި ލަނޑުޖަހާނެ ބައެއް ފުރުސަތުތައް ރާއްޖޭގެ ޓީމަވެސް ލިބިގެދިޔަ ކަމަށެވެ.
އިއްޔެގެ މެޗްގައި ރާއްޖޭގެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފުގައި ކެޕްޓަން ފަދުވާ ޒާހިރު ޖެހިބޯޅަ ގޯލް މަތީ ދަނޑިއަށް އަމާޒުވިރު ދެ ވަނަ ހާފުގައި އާމިނަތު ޒާހިޔާ ބޮލުން ފޮނުވާލި ބޯޅަވެސް އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
އިއްޔެގެ މެޗްގައި ޓީމް ވަނީ ހަ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. މާއިން ބުނީ ޓީމްގެ ހަ ކުޅުންތެރިޔަކު ބަދަލު ކުރީ އައިއޯއަިޖީއަށް ތައްޔާރުވުމުގެ ގޮތުން ސިލެކްޝަން ހެދުމުގެ ގޮތުން ކަމަށެވެ.
އޭނާ ބުނީ މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން އަންހެން ޓީމަށް އެކުވެރިކަމުގެ މެޗްތައް ކުޅެލަން ލިބެނީ ވަރަށް މަދުން ކަމަށާއި އެގޮތުން ލާންކާގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕަކީ އައިއޯއަޖީގައި ޓީމަށް ކޮންފިޑެންސް ލިބިގެންދާނެ ކަމަށެވެ.
"އައިއޯއައިޖީގެ ކުރިން ޓީމް ކޮންފިޑެންސް ހޯދާ ފައިނަލް ޓީމް ކަނޑައަޅާށް ލިބުނު ރަނގަޅު ފުރުސަތެއް މީ،" މާޔަން ބުންޏެވެ.
އޭނާ ބުނީ ލަންކާގެ ޓީމަކީ ގިނަ އިންޓަނޭޝަނަލް މެޗްތަކެއް ކުޅޭފައިވާ ޓީމެއް ކަމަށެވެ. އެގޮތުން މިއަހަރު ކުރީ ކޮޅުވެސް އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.
ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗްގައި އޮންނާނީ މިމަހު 28 ވަނަ ދުވަހު އެވެ.
އޭގެ ކުރިން މިއަންނަ ބުދަ ދުވަހު ނިކުންނާނީ ލަންކާގެ އާމީ ޓީމާ ދެކޮޅަށެވެ.
ލަންކާގައި ހޭދަކުރާ ކޭމްޕަށް ފަހު ގައުމީ ތީމް މަލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު އެވެ.
ރީޔުނިއަންއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
އައިއޯއަިޖީގައި ވާދަކުރާ އަންހެން ގައުމީ ސްކޮޑްގައި 20 ކުޅުންތެރިން ވަނި ހިމަނާފަ އެވެ.