ހުޅުމާލޭ ނެރުބައްތިއެއް ވެއްޓިވެފައިވާތީ އެމްޓީސީސީގެ ފެރީއެއް ރޭ ދަންވަރު ހުޅުމާލޭ ނެރު ފައިކައްޓަށް އަރައިފި އެވެ.

އެމްޓީސީސީގެ ހުޅުމާލޭ ސީނިއާ މެނޭޖަރު މުހައްމަދު ނާޒިމް މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭ ފަޅުގައި ހުންނަ ފެހި ކުލައިން ދިއްލޭ ނެރުބައްތި މިހާރު ވެއްޓިފައި ވާތީ ރޭ އެކުންފުނީގެ ފެރީއެއް ވެލިގަނޑަކަށް އަރާފައިވާ ކަމަށެވެ.

"އެބައްތި އިންނަ ނަމަ ވަރަށް ފަސޭހަ ވާނެ، އެބައްތި ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ [ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަނުން] އިން ކުރަމުން އެބަދޭ." ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ 1:00 ޖެހިއިރު މާލެއިން ފުރައިގެން ހުޅުމާލެއަށް ދިޔަ އެފެރީ ހުޅުމާލޭ ފަޅުގެ ވެލިގަނޑަކަށް އެރިނަމަވެސް ފެރީއަށް ވެސް އަދި މީހަކަށް ވެސް ގެއްލުމެއްނުވާ ކަމަށެވެ. ނަމަވެސް ފެރީއަށް އަރުވާފައި އިން ސައިކަލަކަށް ކުޑަ ގެއްލުމެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އޮޑިއަކަށް އަނެއްހެން ގެއްލުމެއް ނުވޭ، ފެރީ ފަހަތަށް ޖަހާލިގަޑީގައި ސައިކަލެއްގެ ސުޓާޓްކުރާ ބަޓަން ހަލާކުވެފައި އިނީ، އަނެއްގޮތަކަށް ފަސިންޖަރަކަށް ވެސް ގެއްލުމެއްނުވޭ." ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެކްސިޑެންޓުވި ފެރި މިހާރު ވެސް ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރު ކުރަމުން އަންނަ ކަމަށެވެ.