މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުން ޖެޓް ފިއުލް ލީޓަރެއް ވިއްކާ އަގު 15.35ރ. އަށް ބޮޑުކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކަށް ނަގާ ތެލުގެ ސާ ޗާޖް 38ރ. ބޮޑުކޮށް، އެދަދު 332ރ. އަށް މަތިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން އިން މިއަދު އާންމު ކުރި ބާޔާނެއްގައި ބުނަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުން ނަގާތެލުގެ ސާޗާޖް 38ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހު ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އެތެރޭގެ އުދުހުންތަކުގެ ތެލުގެ ސާޗާޖް ބޮޑުކޮށްފަ އެވެ. އެފަހަރު ތެލުގެ ސާޖާޗް 32ރ. ބޮޑުކޮށް އެ އަދަދު ވަނީ 294 ރ. އަށް މަތިކޮށްފަ އެވެ. މިއީ ޖީއެމްއާރުން އެއާޕޯޓު ހިންގަން ފެށިފަހުން އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކުގެ ސާޗާޖް ބޮޑުކުރި ތިން ވަނަ ފަހަރެވެ.
ޖީއެމްއާރުން ބުނެފައި ވަނީ ޖެޓް ފިއުލްގެ އަގު ބޮޑުކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބޭ އަގުބޮޑުވުމުން ކަމަށެވެ.