މި އަހަރު ފާހަގަކުރާ ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލަށް ޓަކައި ރާވަމުންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއްޔެ ބައްލަވާލައްވައިފި އެވެ.

މިނިވަން 50ގެ ހަރަކާތްތައް ބައްލަވައިލެއްވުމުގެ ގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ބައްލަވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އުސްފަސްގަނޑާއި ރައީސްގެ ދެކަނބަނލުން ދެއްވާ ޖާފަތް އޮންނަތަން ކަމަށްވާ ދަރުބާރުގެ އެވެ.

އިއްޔެ ހަވީރު ރައީސް ޔާމީން ވަނީ މާލެ ތެރޭގައި މިނިވަން 50 އާ ގުޅޭ ގޮތުން ވަމުންދާ ތައްޔާރީތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޚިޔާލުފުޅު މި ހަރަކާތްތަކުގެ އިސްބޭފުޅުންނާ ހިއްސާ ކުރައްވައިފަ އެވެ.

މިނިވަން 50އާ ގުޅޭ ގޮތުން ވަމުންދާ ތައްޔާރީތައް ރައީސް ޔާމީން ބައްލަވާލައްވަނީ: ފޮޓޯ/ މުއާ ޓުވީޓާ

ރައީސް ޔާމީން ދެން ވަޑައިގެންނެވީ ޖުމްހޫރީ މައިދާން ސަރަހައްދަށެވެ. އެ ސަރަހައްދަށް ވަޑައިގެން ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

މިނިވަން 50 އާ ގުޅޭ ގޮތުން ވަމުންދާ ތައްޔާރީތައް ރައީސް ޔާމީން ބައްލަވާލެއްވި އިރު ދައުލަތުގެ ބައެއް ވަޒީރުން ވެސް އެމަނިކުފާނާ އެކު ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެންމެހާ ދިވެހިންނަށް އަންނަ އުފާވެރި އީދު ކަމަށްވާ "މިނިވަން 50" ވީހާ ވެސް ކުލަގަދަކޮށް ފާހަގަކޮށްދެއްވުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.