20 Jul 2015, 09:36
(ސީއެންއެން) ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިއާގެ ރާޅާ އެޅުންތެރިޔާ މިކް ފޭނިންއަށް މިޔަރެއް ހަމަލާ ދިނުމުން އޭނާ ސަލާމަތް ވެއްޖެ އެވެ.
ފޭނިން އަށް މިޔަރެއް ހަމަލާ ދިނީ ދެކުނު އެފްރިކާގައި ބޭއްވި ރާޅާ އެޅުމުގެ މުބާރާތެއްގެ ފައިނަލް ހީޓްގައި ރާޅާ އެޅުމަށް ރާޅު އަންނަންދެން މަޑުކޮށްގެން އޮއްވައި އިއްޔެ އެވެ.
ހާދިސާ ހިނގަމުން ދިޔައިރު ޓީވީން ވަގުތުން ދުރަށް ދެއްކި ވީޑިއޯ ފުޓޭޖުން ފެންނަނީ އުރަހަ ހިއްކާލައިގެން އޮތް މިޔަރެއް ފޭނިންގެ ވަށައިގެން ބުރެއް ޖަހާ ތަނެވެ. އަދި އެ މަންޒަރު ފެނިގެން އޭނާ ރާޅާ އަޅާ ބޯޑުގައި ދުރަށް ދިއުމަށް ވަރަށް ބާރަށް މަސައްކަތް ކުރާތަން ފެނެ އެވެ. އެއަށް ފަހު ރާޅެއް އައިސް ވީޑިއޯއިން ފޭނިން ގެއްލެ އެވެ. ނަމަވެސް ފަހުން ފެންނަނީ އޭނާ ފަތަމުން ދުރަށްދާ ތަނެވެ. ނަމަވެސް އެފަހަރު އޭނާ އޮތީ ރާޅާ އަޅާ ބޯޑާއި ނުލަ އެވެ.
ހާދިސާއަށް ފަހު ވޯލްޑް ސާފް ލީގް ޓީވީއަށް ފޭނިން ދިން އިންޓަވިއުގައި އޭނާ ބުނެފައި ވަނީ އެއްޗެއް އައިސް ލޮނުގަނޑުގެ އަޑިއަށް އޭނާ ދަމާކަމުގެ އިހުސާސެއް ފުރަތަމަ ކުރެވުނު ކަ މަށެވެ. އަދި ބަލައިލުމުން އޭތި (މިޔަރު) ފެނުނު ކަމަށެވެ. އަދި އޭނާ މިޔަރުގެ ގައިގައި ޖަހައި އެ ބިރު ގަންނަވައިލި ކަމަށް ވެސް ބުންޏެވެ.
މިޔަރުގެ ހަމަލާއާ އެކު މުބާރާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ތިބި މީހުން ވަނީ ދެ ޖެޓްސްކީއާއި ލޯންޗެއްގައި ވަގުތުން އެތަނަށް ގޮސް ފޭނިން މޫދުން ނަގާފަ އެވެ. އަދި އޭނާއާ އެކު މޫދުގައި އޮތް އަނެއް ރާޅާ އެޅުންތެރިޔާ ވިލްސަން ވެސް އެމީހުން ނެގި އެވެ.
މުބާރާތް އިންތިޒާމްކުރި ވޯލްޑް ސާފް ލީގްގެ ކޮމިޝަނަރު ކިއެރެން ޕެރޯ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭނިން ސަލާމަތް ކުރެވުނީ ނުރައްކަލުގެ ކުރިމަތީގައި އޭނާ ދެއްކި ހަރުދަނާ ކަމާއި އަވަސް ފިޔަވަޅުގެ ސަބަބުން ކަމަށެވެ. އަދި ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުން އެތަނަށް ދިޔަލެއް އަވަސް ކަމީ ވެސް ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ވޯލްޑް ސާފް ލީގް ޗެމްޕިއަންޝިޕް ޓްއާގެ ހަވަނަ ސްޓޮޕްގެ ގޮތުގައި ދެކުނު އެފްރިކާގައި ބޭއްވި ޖޭ ބޭ އޯޕެންގެ ފައިނަލް ބާކީ އޮތް ބައި އެހާދިސާއާ ގުޅިގެން ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ ފޭނިންއާއި އެކު ފައިނަލަށް ދިޔަ ރާޅާ އެޅުން ތެރިޔާއާއި އޭނާ އާ ދެމީހުން މަޝްވަރާކޮށް، ދެވަނަ އަށް ދާ މީހަކަށް ލިބޭ އިނާމު ދެމީހުން ހިއްސާ ކުރާ ގޮތަށެވެ.