އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކުރުމުގެ ގޮތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ރައްޔިތުންގެ ގެނައުމަށް ހުށަހަޅާފައިވާ ބިލު އެ ބިލު ދިރާސާ ކުރެއްވި އިގްތިސާދީ ކޮމިޓީ އަށް އަނބުރާ ފޮނުވާލަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ 71 މެމްބަރުންގެ ވޯޓުން ނެވެ.

ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ހުށަހެޅީ ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ. އޭނާގެ ހުށަހެޅުމަށް ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވަނީ ތާއީދު ކުރައްވާފައި އެވެ.

މިދިޔަ ރޯދަ މަހު ބޭއްވި މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާނު ވިދާޅުވީ އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދޭ އިސްލާހުގެ އިތުރުން ފުލުހުން ހިފަހައްޓާފައިވާ އެއްގަމު އުޅަނދު ފަހަރުގެ ލައިސަންސް ޖޫރިމަނާ މައާފުކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އަލުން ދިރާސާ ކުރަން ކޮމިޓީ އަށް އަނބުރާ ފޮނުވާލަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފު ވާނެ ކަމަށެވެ.

އެހެން ކަމުން އެ ގާނޫނު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، ގަވައިދާ ހިލާފަށް ޕާކް ކުރުމުން މިހާރު ކޮށްފައި ހުރި ޖޫރިމަނާތައް މައާފުވެގެންދާނެ އެވެ.